ދިވެހި ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔަކަށް ލ.މާވަށު ސުހާދު
Dhivehi Premier league gai hattrick hedhi enme zuvaan kulhuntheriyakah L.Maavashu Suhaadh

ދިވެހި ޕްރިމިއާ ލިގުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަަފު، ލ.މާވަށު ހުސައިން ސުހާދު ސުހާން ހޯދައިފިއެވެ.
އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި ސުހާދު ވަނީ 10 މިނެޓު ތެރޭގައި ހެޓްރިކް ފުރިހަމަކޮށް، ޔޫވީ މޮޅުކޮށްދީފައެވެ.
ދިވެހި ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ސުހާދު ހޯދިއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 11 މަހާއި ފަސް ދުވަހެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޓީސީ އިންނެވެ. ދެވަނަ ހާފުގައި ޔޫވީ އަށް ނަތީޖާ އަނބުރާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސުހާދެވެ. އެގޮތުން، ހާފު ފެށިގެން ތިންވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި ޔޫވީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ޔޫވީ އަށް ނަތީޖާ އެއްވަރުކޮށްދިނުމަށްފަހު، އޭގެ ހަތަރު މިނެޓު ފަހުން ސުހާދު ވަނީ އިތުރު ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް އެ ޓީމަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 58 ވަނަ މިނެޓުގައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށް، ޔޫވީ އަށް ދެ ލަނޑުގެ ލީޑެއް ހޯދަދީފައެވެ.
ޔޫވީ އިން މި މެޗު ކާމިޔާބުކޮށްފައިވަނީ4-1 ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ފަހު ލަނޑު ޖެހީ އިޝްއާފް މުހައްމަދު ފިރާގެވެ. ޓީސީގެ ހަމައެކަނި ލަނޑު ޖެހީ އަހްމަދު ރިލްވާން އެވެ.
މާވަށަށް ނިސްބަތްވާ، އުމުރުން 17 އަހަރުގެ ސުހާދު ވަނީ ހެޓްރިކް ހަދައި ޔޫވީ އަށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދަދީފައެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ސުހާދެވެ.