ބައްރު ޕްރީ ސްކޫލުގެ ދަސްވެނިވުން ބާއްވައިފި

ލ. ފޮނަދޫ ބައްރު ޕްރީ ސްކޫލުގެ ދަސްވެނިވުމުގެ ރައްމިއްޔާތު ބާއްވައިފި އެވެ.
ބުރާސްފަތި ދުވަހު ހަވީރު ބޭއްވި މި ރައްމިއްޔާތުގައި 31 ދަރިވަރުންނަށް ވަނީ ޕޯޓްފޯލިއޯ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ނުވަ ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ. ދަސްވެނިވެފައިވަނީ ނާސަރީ ނިމި، އެލް.ކޭޖީ އާ ގުޅޭ ދަރިވަރުންނެވެ.
ދިރާސީ އަހަރުގެ މި ޓާމު ނިންމުމުގެ ގޮތުން ބޭއްވި ދަސްވެނިވުމުގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ އެމް.އެން.ޔޫ ގަމު ކެމްޕަހުގެ މެނޭޖަރ ޠާހާ އަބޫބަކުރެވެ.
ބައްރު ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން މުޙައްމަދު ފާއިގް ވިދާޅުވީ ކުރިޔަށް އޮތް އަހަރު ނާސަރީ ކުދިންނަށް އަމާޒުކޮށް ފޮނިކްސް ކްލާސްތަކެއް ކުރިޔަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަ ށެވެ. އަދި ކުރިޔަށް އޮތް ޓާމަށް ސްކޫލާ ގުޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައި ވާ ކަމަށާއި، އެކަމަށް ކަނޑައެޅިފައިވާ ފޯމު، ބައްރު ޕްރީ ސްކޫލުގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް ފާއިގް ވިދާޅުވި އެވެ.
2001 ވަނަ އަހަރު ރަޖިސްޓަރ ކޮށްފައިވާ މި ސްކޫލު، ”ބައްރު ޕްރީ ސްކޫލް“ ގެ ނަމަށް ރީބްރޭންޑް ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ.