ލާމަސީލު ލާމު ވާހަކަ ދެއްކުމުގެ މުބާރާތުގައި ގަމު ކައުންސިލުން ބައިވެރިވެއްޖެ
Laamaseelu Laamu Vaahaka Dhehkumuge Mubaaraathugai Gamu Councilun Baiveri Vejje

ލާމު އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމު ކުރާ ލާމަސީލު ލާމު ވާހަކަ ދެއްކުމުގެ މުބާރާތުގައި ގަމު ކައުންސިލުގެ ފަރާތުން ބައިވެރި ވެއްޖެއެވެ.
31 އޮކްޓޫބަރ 2025 އިން 2 ނޮވޮންބަރ 2025އަށް ލ. ފޮނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ލާމަސީލުލާމު އަތޮޅު ވާހަކަދެއްކުމުގެ މުބާރާތުގައި ގަމު ކައުންސިލްގެ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާން ކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އެގޮތުން ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ޖުމްލަ 19 ކުދިން ފޯމް ހުށަހަޅާފައިވާ ކަމަށް ގަމު ކައުންސިލުން ބުނެފައިވެއެވެ. އެހެންނަމަވެސް ޓީމަށް ނަގަންޖެހެނީ 14 ކުދިން ކަމުގައިވާތީ އެމުބާރާތުގައި ބައިވެރިވާ ކުދިން ހޮވުމުގައި އަމަލުކުރާނެ އުސޫލާ އެއްގޮތަށް ޓީމުގެ ކުދިން ނަގާފައިވެއެވެ.
ގަމު ކައުންސިލްގެ ޓީމަށް ނަގާފައިވަނީ 14 އަހަރުން ދަށުގެ 7 ކުދިންނާއި، 14 އަހަރުން މަތީގެ 7 ކުދިންނެވެ. އެގޮތުން 14 އަހަރުން ދަށުން ބައިވެރިވެފައިވަނީ ޙަމަދު ސްކޫލުގެ 4 ކުދިންނާއި އިހައްދޫ ސްކޫލުގެ 3 ކުދިންނެވެ. އަދި 14 އަހަރުން މަތީގެ އުމުުރުފުރައިން ބައިވެރިވެފައި ވަނީ އިހައްދޫ ސްކޫލުގެ 1 ކުއްޖަކާއި ޙަމަދު ސްކޫލުގެ 6 ކުދިންނެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ހޮވުނު ކުދިންނަށް ގަމު ކައުންސިލްގެ ފަރާތުން ރޭ ބޭއްވި ޖަލްސާއެއްގައި ވަނީ ސްޓޭޝަނަރީ ޕެކް ހަވާލުކޮށްފައެވެ. ސްޓޭޝަނަރީ ޕެކް ހަވާލު ކޮށްދެއްވާފައިވަނީ ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ. އަދި ކައުންސިލް މެމްބަރު މަރްޔަމް ނީނާ ވިދާޅުވީ، އަތޮޅު ކައުންސިލްތަކުން ބާއްވާ މިފަދަ މުބާރާތްތަކުގައި ސްކޫލުތަކުން ބައިވެރި ވުމުގެ ފުރުސަތު ނޯންނާތީ މިފަދަ ހުނަރުވެރި ކުދިންނަށް ފުރުސަތު ހޯދައިދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމުގައެވެ.




