ޓޫރިޒަމް މަދު ލާމު އަތޮޅަށް އައު ރިސޯޓެއް އަދި ހޮޓެލް ސްކޫލެއް އަނަންނީ!
Tourism madhu laamu atoll ah aa resorteh adhi hotel schooleh annanee!
ޓޫރިޒަމް މަދު ލާމު އަތޮޅަށް އައު ރިސޯޓަކާއި ހޮޓެލް ސްކޫލެއް އަޅަން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ލ.މާމެންދޫއަށް ވަޑައިގެން، ހުޅިމެންދޫގައި ފަސް ތަރީގެ ރިސޯޓެއް، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމުގެ ތައުލީމާއި ތަމްރީން ދީ މީހުން އުފެއްދުމަށްޓަކައި ހޮޓެލް ސްކޫލެއް އުފެއްދުމަށް ސޮއިކުރެއްވި މަޝްރޫއަކީ ޔަގީނުންވެސް އަތޮޅުގެ ޒުވާނުންނަށް އަދި އަންނަން އޮތް ޖީލަށް އުފާވެރި ހަބަރެކެވެ.
ރައީސުލް ޖުމްހޫރިއްޔާ ލާމު އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން، ގިނަ މަޝްރޫއުތަކެއް ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްފައެވެ. މިމަޝްރޫއަކީވެސް އޭގެ ތެރެއިން އެމް.އޭ.ސީ،އެލް އިން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާނެ މަޝަރޫއެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.
“ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އެންމެ މަތީފަންތީގެ ތައުލީމާއި ތަޖުރިބާ ހާސިލްކޮށްފައިވާ ދިވެހިން އުފެއްދުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި، ހުޅިމެންދޫގައި ގާއިމް ކުރާ ހޮޓެލް ސްކޫލާއި ރިސޯޓް ވެގެންދާނެ” މާމެންދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ލާމު އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ފަތުރުވެރިކަން މަދު އަތޮޅެކެެވެ. ލ.މާމެންދޫ އަދި ހިތަދޫއަކީ ރިސޯޓުތަކުގައި ޒުވާނުން ގިނަ އަދަދަކަށް ވަޒީފާ އަދާކުރަމުން އަންނަ ދެރަށެވެ.
މީގެ އިތުރުން ޖާގައިގެ ދަތިކަން ދިމާވެފައިވާ ލ.މާމެންދޫއަށް 21 ހެކްޓަރުގެ ބިން އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ. އަދި ބަނދަރު ތަރައްގީކުރުމާއި އައު ކައުންސިލް އިދާރާގެ މަރުކަޒު އިމާރާތްކުރުމުގެ ބިންގާ މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފް އުމަރު ވަނީ އެޅުއްވާފައެވެ.




