ޒިއަމިން ލާމު މެރަތަން: ދެ ދުވުންތެރިއެއް މެރަތަން އެއްކޮށް ނިންމާލި!

Xiamen-Laamu Marathon: 2 Dhuvun theri eh Marathon Ehkoh Ninmaali

ޒިއަމިން ލާމު މެރަތަން 2025 ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ރޭ މެންދަމު 2:30 ފެށިގެން މެރަތަން ކުރިއަށް ގެންދިޔައިރު މެރަތަންގެ އެންމެ ފަހުން ދުވުންތެރިން ނިންމާލާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރުއެވެ. ދަންވަރު 2:30 ގައި ފަށާފައިވަނީ ފުލް މެރަތަންގެ ދުވުންތެރިންނެވެ. މި ގެޓަގަރީ އިން ދެ ފަރާތެއް ވަނީ ވާދަކޮށްފައެވެ. އެއީ ލ. ގަން، އަހްމަދު ސުމީތު އަދި މަރްޔަމް ޝިޒާނާ އެވެ. ދެ ދުވުންތެރިން ވެސް ދުވުން ނިންމާލާފައިވަނީ އެކުއެކީގައެވެ.

މިއަހަރުގެ މެރަތަންގައި 800 އަށްވުރެ ގިނަ ދުވުންތެރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އެކި އުމުރު ފުރައިގެ ފަރާތްތަކާއި، ލާމު އަތޮޅަށް ނިސްބަތްވާ ދުވުންތެރިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވަނީ ބައިވެެރިވެފައެވެ.

“ލާމު އެމްވީ” އާއި ވާހަކަ ދެއްކި ބައެއް ދުވުންތެރިން ބުނީ، ލާމުގައި ދުވަން ލިބުނު ރޫޓަކީ ވަރަށް ރީތި ހިތްގައިމު ރޫޓް އެއް ކަމަށެވެ. އަދި ލާމުގެ މަޝްހޫރު ރުއްގަނޑު ސަރަހައްދުން ދުވެލަން ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަމުގައި ވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ.

މެރަތަންގެ ދުވުންތައް ނިންމާލުމަށްފަހު މިއަދު ވަނީ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް މެޑަލް އާއި ފައިސާގެ އިނާމް ހަވާލުކޮށްފައެވެ. ފައިސާގެ އިނާމު ލިބިފައިވަނީ ކޮންމެ ކެޓަގަރީ އަކުންވެސް އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަށެވެ. އަދި ނިންމާލި ކޮންމެ ދުވުންތެރިއަކަށްވެސް ވަނީ “ފިނިޝަރ” މެޑެލް އެއް ދީފައެވެ. މީގެ އިތުރުން، ކޮންމެ ކެޓަގަރީ އަކުންވެސް، ލާމު އަތޮޅުގެ ރަށްވެހިންގެ ބައި، އެހެން އަތޮޅު ތަކުގެ ރަށްވެހިން އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން 1 ،2، 3، އަށް ދިޔަ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ވަނީ ހޮވާފައެވެ.

މި އަހަރުގެ މެރަތަންގެ ޓައިޓަލް ސްޕޮންސަރަކީ ޗައިނާގެ ޒިއަމިން ސިޓީ ކަމަށްވާއިރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުވެސް ވަނި މެރަތަންގެ 5 ކިލޯ މީޓަރު ދުވުން ފުރިހަމަ ކޮށްފައެވެ. މި މެރަތަންއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ލާމު އަތޮޅު އިޝްތިހާރު ކުރުމަށާއި އަތޮޅުގައި ދުވުމަށް ލޯބިކުރާ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

ނޯޓް: މެރަތަންގައި މިއަދު ދެން އޮންނާނީ ކިޑްސް ފަން ރަންގެ ދުވުމެވެ. މި ކެޓަގަރީ ފެށުމަށް ހަމަޖެހިފައިވަނީ 16:15 ގައި މުކުރިމަގު ބަނދަރުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments