ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްދޭނެ: ފައިސަލް

ލ. އަތޮޅުގެ ގަމާއި ފޮނަދޫ ސިޓީއެއްގެ ދަރަޖައިގަ ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީ އަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހުކުރު ދުވަހު ބޭއްވި ހަރަކާތުގަ އެވެ.
ބައިވެރިންނާ މުހާތަބުކުރަށްވަމުން މިނިސްޓަރު ވިދާޅުވީ، ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވާ ދުވަހަކީ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަ ށެވެ. އެހެންކަމުން، ސިޓީއެއްގެ ދަރަޖައަށް ތަރައްޤީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
މިނިސްޓަރު ވަނީ ލ. އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުން މުހިންމު ކަމުގައިވެސް ވިދާޅުވެފަ އެވެ. އެގޮތުން، ލ. އަތޮޅުގައި 4 ރިސޯޓެއް ޤާއިމް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ތަކުގެ ތެރޭގައި، ދުބާއީގެ ކުންފުންޏަކާ މަޝްވަރާކުރައްވަމުން ގެންދަވާކަން ވެސް ފާހަގަކުރެއްވި އެވެ.
ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ ހަރަކާތުގައި ގަމާއި ފޮނަދުއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. އަދި ހުކުރު ދުވަހުގެ ރޭގައި ގަމާއި ފޮނަދޫގައި ވަނީ ހަވާ ވެސް އަރުވާފަ އެވެ.