“ރަށްވެރި” ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

މަގޭ ރަށް އެކަޑަމީ (އީ.އެލް.އޭ)ގެ ދަށުން ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮގްރާމެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ “ރަށްވެރި” ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ބުރާސްފަތި ދުވަހު އެމް.އެން.ޔޫ ގަމު ކެމްޕަހުގައި ކުރިޔަށް ގެންދިޔަ ވޯކްޝޮޕަކީ އިޖުތިމާއީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުމާއި އިޖުތިމާއީ ރޫޙު އާލާކުރުމުގެ އިތުރުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤާ ގުޅޭގޮތުން ޒުވާނުން ހޭލުންތެރިކޮށް، ލާމު އަތޮޅު ލާމަސީލު އަތޮޅެއްގެ ގޮތުގައި ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިވޯކްޝޮޕް ފެސިލިޓޭޓްކޮށްދެއްވާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ އަޙްމަދު އާހިދު ރަޝީދު، އިންފޮމޭޝަން ކޮމިޝަނަރސް އޮފީހުގެ ޕްރޮގްރާމް އޮފިސަރ މަރްޔަމް ޒުމާ މުޙައްމަދު އަދި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޮމިޝަނަރ ފޯރ ޔޫތު ޕްރޮގްރާމް މަރްޔަމް ލައިޒާ އެވެ.

މިއީ ލ.އަތޮޅު ކައުންސިލާއި، ލ.ގަމު ކައުންސިލާއި، ލ.ގަމު އަންހެނުންގެ ކޮމިޓީ، އެމް.އެން.ޔޫ ގަމު ކެމްޕަސް، ސޮސައިޓީ ފޯރ ތުނޑި އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ)، އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް (އަމިގޯސް) އަދި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ.

އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުނަށް ބޭއްވި މިވޯކްޝޮޕްގައި ލ.ގަމުގެ ހުރިހާ އިދާރާތަކުންނާއި އާންމުފަރުދުންގެ ފަރާތުންވެސް ވަރަށް ބޮޑަށް އެއްބާރުލުމެއް ލިބުނުކަމުގައި ޕްރޮގްރާމް ރާވާ ހިންގުމުގައި އިސްވެ ހަރަކާތްތެރިވި ފަރާތްކަމުގައިވާ އާމިނަތު އަނޫޒާ ބުނެފައިވެއެވެ. އެގޮތުން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުލުވާލެވި އާންމުންނާއި އިދާރާތަކުގެ މުވައްޒަފުންނާއެކު ޖުމުލަ 21 ފަރާތުން ވޯކްޝޮޕްގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިޕްރޮގްރާމްގެ ފީޑްބެކަށް ބަލާއިރު ވަރަށް ހިތްހަމަޖެހޭކަމަށާއި ގިނަ ބައިވެރިންތަކެއްވެސް ކުރިއަށް އޮތްތަނުގައި މިކަހަލަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެދިފައިވާތީ އެކަމާމެދު ވިސްނަވާކަމަށް ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments