ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ރާއްޖޭގައި ނޫޅޭ: ރައީސް

Gang eh ge sharuthu hamavaa bayaku raahjey gai noolhey: Raees

ރާއްޖޭގައި ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު ނެތް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ތިން މައްސަލައަކީ ނުގަވައިދުން އުޅޭ ބޭރުމީހުންގެ މައްސަލައާއި، ޑުރަގު މަައްސަލަ އަދި ގޭންގު ކުށްކުރުން ކަމަށެވެ. ރައީސް ވިދާޅުވީ މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިއްޖެނަމަ ދައުރު ނިމުމުގެ ކުރިން މި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

“ޒުވާނުން ބޭނުމެއް ނުވޭ މަސްތުވާތަކެތީގައި އުޅޭކަށް، ގޭންގު ކުށްތަކުގައި އުޅޭކަށް. ފުރިހަމަ ޔަގީން ކަން އޮތް ކަމެއް، ހުރިހާ ޒުވާނުން ބޭނުންވަނީ މިކަމުން ދުރުވާން.”

ރައީސް ވިދާޅުވީ މި ފަހުން އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގޮސް މިހާތަނަށް ގޭންގެއް ކަނޑައަޅަން ޖެހޭ ބަޔަކު ނެތްކަމަށެވެ.

“އަޅުގަނޑު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި، ކޮބާ ކިތައް ގޭންގު ކަނޑައެޅިއްޖެހޭ؟ ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ. ޕީޖީއަށް ފޮނުވައިގެން، ޕީޖީން ވިދާޅުވެއްޖެއޭ ޝަރުތު ހަމަވާ ގޭންގެއް ނެތޭ.”

ރައީސް އިތުރަށް ވިދާޅުވީ މިހާރު ގޭންގު ކުށްތަކުގައި ކުރިން އުޅުން މީހުންތައް އެކަން ހުއްޓާލައިފި ކަމަށާއި، އެކުދިން މިހާރު އުޅެނީ ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅޭތޯ ނޯމަލް ލައިފް އެއްގައި ކަމަށެވެ. ރައީސް ވިދާޅުވީ އަމާޒަކީ ނުބައި ކަންކަމުގެ ތެރެއަށް ވަދެފައި ތިބި އެތައް ޒުވާނުންނެއް ނެރެގެން ގެނެސް އެ ކުދިންނަކީ އަހުލާގު ލިބިފައިވާ، ދީން ދެކެ ލޯބިވާ، ގައުމު ދެކެ ލޯބިވާ ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވޭ ކުދިންތަކަކަށް ހެދުން ކަމަށެވެ.

ރައީސް ވަނީ ގޭންގު ކުށްތައް ފަދަ ނުބައި ކަންކަމުގައި އުޅޭ ޒުވާނުން ވަގުތުން އެކަންކަމުން ދުރުވުމަށް ނަސޭހަތްދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments