ވަކި ކުޅުންތެރިއަކަށް ނުކުޅެވޭތީ ލާމަސީިލު ލާމު ވޮލީ މުބާރާތް ހުއްޓުމަކަށް

Vaki Kulhunteriakah Nukulheveythee Laamaseelu Laamu Volley Mubaraaiy Huhtumakah

ގައުމީ ސީނިއަރ ވޮލީ ބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޝަމާއިލް ހުސައިންއަށް މިވަގުތު ކުޅެމުންދާ ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ނުކުޅެވޭގޮތަށް ހަމަޖެހުމާ ގުޅިގެން، ރެފްރީންގެ ދަތިކަން ދިމާވެ، މި މުބާރާތް ވަކި މުއްދަތެއްނެތި ފަސްކުރުމަށް މުބާރާތުގެ ކޮމެޓީން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންޓާނަލް މެމޯގައި، އެ އެސޯސިއޭޝަން ގެ އުސޫލުތަކާ ހިލާފަށް ގައުމީ ވޮލީ ސްކޮޑްގައި ހުރި ޝަމާއިލް، ރިލީޒްގައި ހުރެ، ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެ، މެޗުތައް ކުޅެފައިވާތީ، ވީއޭއެމް އިން ވަނީ އޭނާއަށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި ވީއޭއެމްގެ ރެފްރީންނަށް ޝަމާއިލް ކުޅޭ މެޗުތަކުގައި ރެފްރީކަން ނުކުރެވޭނެ ކަމަށް ވީއޭއެމް އިން ވަނީ އަންގާފައެވެ.

އަތޮޅު ކައުންސިލުން ހާމަކުރި ގޮތުގައި، މިކަމުގެ ސަބަބުން މުބާރާތް ކުރިއަށް ގެންދެވޭނެ ވަރަށް ރެފްރީން ލިބުމުގެ ދަތިކަން ވަނީ ދިމާވެފައެވެ. މި ދަތިކަމާ ގުޅިގެން، މުބާރާތް ހުއްޓާލުމަށް މުބާރާތުގެ ކޮމެޓީން ވަނީ ނިންމާފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުން އެއްވެސް ސަބަބަކާ ހުރެ ދުރުވެވޭނީ އެކަމަށްޓަކައި ގާއިމްކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް، ޝަމާއިލް މި މުބާރާތުގައި ބައިވެރިވެފައިވަނީ އެ އުސޫލުތަކާ ހިލާފަށް ކަމަށް ވީއޭއެމްއިން ވަނީ ބުނެފައެވެ.

ވީއޭއެމްއިން ވަނީ ގައުމީ ސްކޮޑުން ޝަމާއިލް ވަކިކުރުމުގެ އިތުރުން، ވީއޭއެމް އިން ރާވާ ހިންގާ މުބާރާތަކާއި، ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ޓީމު އޮފިޝަލެއްގެ ގޮތުގައި ޝަމާއިލް އަށް ހަރަކާތްތެރިނުވެވޭ ގޮތަށްވެސް ހަމަޖައްސާފައެވެ.

މިކަމާ ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ވަނީ މެނޭޖަރުންގެ ވައިބަރ ގްރޫޕުގައި ނުރުހުން ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ، ވަކި ކުޅުންތެރިއެއްގެ ސަބަބުން މުޅި މުބާރާތް ފަސްކުރެވިގެން ނުވާނެ ކަމަށެވެ. އަދި އަންހެން ޑިވިޝަންގައި އެއްވެސް މައްސަލައެއް ނެތްއިރު އެ މެޗުތައް ފަސްކުރެވިގެން ނުވާނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ލާމު އެމްވީ އިން ލާމު އަތޮޅު ކައުންސިލްގެ ރައީސްއަށް ގުޅުމަށް މަސައްކަތްކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ގުޅޭގޮތް ނުވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments