ކަރަންޓު ދިނުމަށް ފެނަކައިގެ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން: ގަމު ކައުންސިލް
Current dhinumah fenakaige muvahzafun dhanee massakkaiy kuramun: Gamu council

ލ.ގަމު އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާތީ، ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަސް ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ގަމު ކައުންސިލުން ބުނެފިއެވެ.
ގަމު ކައުންސިލުން ބުނީ އުއްމީދަކީ ވީ އެންމެ އަވަހަކަށް މި ޚިދުމަތް ރައްޔިތުންނަށް އަލުން ލިބުން ކަމަށެވެ. ކަރަންޓު އަލުން ދެވެން އޮތީ އިންޖީނުގެ ހިޔާކޮށްގެން ކަމަށްވާތީވެ، ވެލްޑިން މަސައްކަތްކުރާ ފަރާތްތަކާއި އެ ނޫންވެސް އާންމު ރައްޔިތުން ދަނީ އިންޖީނުގެ ހިޔާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 2:45 ހާއިރުގައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށް އެއްކޮށް ނިއްވާލާފައެވެ. މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަކަށް އެނގިފައެއް ނުވެއެވެ.




