އިހުސާން ޖެހި ގޯލުން ގަމުން ފޮނަދޫ ބަލިކޮށްފި

Ihusan jehi goal in Gamun Fonadhoo balikohffi

މިހާރު ކުރިއަށްދާ ބީއެމްއެލް އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕުގައި ލ. ގަމުގެ އަލީ އިހުސާން ޖެހި ހަމައެކަނި ގޯލުން ފޮނަދޫގެ މައްޗަށް ގަން ކުރި ހޯދައިފި އެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ކުނަހަންދޫ އިން ވަނީ 1-0 ގެ ނަތީޖާ އަކުން ލ. މާބައިދޫ ބަލިކޮށްފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ގަމުން ފޮނަދޫގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ފޮނަދޫ ކީޕަރު ވަނީ ގަމުގެ ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގަމަށް ޖަހައިދިނީ އިހުސާން އެވެ.

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދޫ، މާބައިދޫ، ފޮނަދޫ އަދި ގަމެވެ.

މި ފަހަރުގެ އަތޮޅު މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ޑިވިޝަނަށް އާދެވޭ ގޮތަށް ހަތަރު ރީޖަން އަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔުމެވެ.

ލ. އަތޮޅުން ހަތަރު ޓީމު ބައިވެރިވުމާއެކު މި އަތޮޅުގެ މެޗުތައް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. އަދި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ދާނީ ސީދާ ފައިނަލަށެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ މެޗުގައި މާބައިދޫ އިން ނުކުންނާނީ ފޮނަދޫއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 15:50 ގަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments