ފޮނަދޫ ބަލިކޮށް އެއްވަނަ ޓީމުގެ ގޮތުގައި ކުނަހަންދޫ ފައިނަލަށް!
Fonadhoo balikoh, ehvvana teamge gothuga Kunahandhoo final ah!

މިހާރު ކުރިއަށްދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި ފަސޭހަކަމާއެކު، ލ. ފޮނަދޫގެ މައްޗަށް ކުރިހޯދާ، ކުނަހަންދޫ އިން ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލުން ކުނަހަންދޫ ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ލީގު ބުރުގެ ދެވަނަ ލިބުނީ ލ. ގަމަށެވެ. ގަމަށް ތިން މެޗުން ފަސް ޕޮއިންޓް ވަނީ ލިބިފަ އެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ކުނަހަންދޫ އިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާ އަކުންނެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން ކުޅުނު ކުނަހަންދޫ އަށް މި މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މެޗުގެ 39 ވަނަ މިނިޓްގައި މި ގޯލު ކުނަހަންދޫ އަށް ޖަހައިދިނީ އަހުމަދު އާޒިމް އެވެ.
މެޗުގެ ދެވަނަ ހާފުގައި ކުނަހަންދޫ އިން އެ ޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު، މެޗުގެ 53 ވަނަ މިނިޓްގައި ކުނަހަންދޫ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މިއީ މުހައްމަދު އަނިލް ކާމިޔާބު ކޮށްދިން ގޯލެކެވެ. އަދި މެޗުގެ 73 ވަނަ މިނިޓްގައި ކުނަހަންދޫގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ޔޫސުފް މޫސާ އެވެ. އަދި މެޗު ނިމެން މިނިޓްއަކަށް ވެފައި ވަނިކޮށް ކުނަހަންދޫގެ ހަތަރުވަނަ ގޯލު ޖެހީ އަނިލް އެވެ. އަަދި މި މެޗުގައި ކުނަހަންދޫ އިން ކާމިޔާބުކުރި ފަސްވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޔޫސުފް މޫސާ އެވެ.
މި ނަތީޖާއާއެކު އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ކުނަހަންދޫ އިން ނުކުންނާނީ ގަމާއި ދެކޮޅަށެވެ.




