އެމް.އައި.ބީ ގްރީން ބްލޫ އިނިޝިއޭޓިވްގެ ދަށުން ގަމުގައި 100 އިންދައިފި
MIB GreenBlue initiativege dhashun Gamugai 100 gas indhaifi

އެމް.އައި.ބީ ގްރީން ބްލޫ އިނިޝިއޭޓިވްގެދަށުން، މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާއި ގުޅިގެން، ތިމާވެއްޓަށް ފައިދާހުރި ހަރަކާތެއްގެ ގޮތުގައި ލ. ގަމުގައި 100 ގަސް މިއަދު އިންދައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހުއެވެ.
މި ޕްރޮގްރާމްގައި ގަސްތައް އިންދާފައިވަނީ ގަމުގެ ބޮޑު މަގު ކަމުގައިވާ މާންދޫއާއި ގަމާއި ދެމެދުގައެވެ. މިގަސްތަކަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، މަގުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭނެ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.
މި ގަސް އިންދުމުގެ ޕްރޮގްރާމްގައި ގަމުގެ ގިނަ މުއައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، އިހައްދޫ ސުކޫލް، ހަމަދު ސުކޫލް، މުކުރިމަގު ސުކޫލް، ގަން ކައުންސިލް، އާރުޑީސީ، އެމްޓީސީސީ، ގަމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ހޮރައިޒޮން ފިޝަރީޒް، ވެމްކޯ، އަދި ޕޮލިސްގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. މި މުއައްސަސާތަކުގެ ބައިވެރިވުމާއެކު މި ހަރަކާތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ހަރަކާތް ހިންގާފައިވަނީ އެމް.އައި.ބީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ ދަށުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް އެވޯޑް ކޮށްގެންނެވެ.
އެމް.އައި.ބީއިން ބުނެފައިވަނީ، މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ރަށްރަށުގެ ރީތިކަން ދެމެހެއްޓުމަށް އެހީތެރިވުން ކަމަށެވެ. މި އިނިޝިއޭޓިވްގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތިމާވެށި ރައްކާތެރިކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގަމުގައި ޖުމްލަ 1000 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.




