ކިޔެވުމަށް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން އައި.ޔޫ.އެމް. ލ. ފޮނަދޫ ކެމްޕަހުން މައުލޫމާތު ސެޝަނެއް ބާއްވައިފި

Kiyevumah huri fahi furusathuthakaai gulheygothun IUM L. Fonadhoo Campus in mauloomaath session eh baahvaifi

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ސެންޓަރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް އާއި، ލ. ފޮނަދޫ ކެމްޕަސް ގުޅިގެން، ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތެއްގެ ގޮތުގައި، ކިޔެވުމަށް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ސެޝަނެއް އިއްޔެ ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އައި.ޔޫ.އެމް. ލ. ފޮނަދޫ ކެމްޕަހުގައެވެ.

މި ސެޝަން އަމާޒުކޮށްފައިވަނީ އުނގެނުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށެވެ. މައުލޫމާތު ދިނުމުގެ ބައިގައި، 2026 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލެވިފައިވާ ކޯސްތަކުގެ ތަފްސީލީ މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ. މީގެ އިތުރުން، ކެރިއަރ ގައިޑެންސް ދިނުމާއި، އަރަބި ބަހުގެ އަސާސީ މައުލޫމާތުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި، ކީރިތި ޤުރުއާން ކިޔެވުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންކަމުގެ މައްޗަށްވެސް ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން މުޖުތަމަޢަށް ފައިދާހުރި ޚިދުމަތެއް ކޮށްދިނުމާއި، ޢިލްމީ މައުލޫމާތު ފެތުރުމެވެ. އަދި ދަރިވަރުންނަށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ މުހިންމުކަން އަންގައިދީ، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ފޮނަދޫގެ އިތުރުން، މިފަދަ ހަރަކާތްތައް ވަނީ ރ. އުނގޫފާރު ކެމްޕަހުގަޔާއި، ފުވައްމުލަކު ކެމްޕަހުގައިވެސް ކުރިއަށް ގެންގޮސްފައެވެ.

މައުލޫމާތު ސެޝަންގެ ތެރެއިން، ޢަމަލީ ހަރަކާތެއްގެ ގޮތުގައި ދަރިވަރުންނާއި އިސް ދަރިވަރުން ގުޅިގެން ލ. ފޮނަދޫ ލިންކު ރޯޑުގައި މަލިކުރުވާ ގަސް އިންދުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ރަށުގެ ރީތިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ހަރަކާތެކެވެ.

މި އިވެންޓާއި ގުޅޭގޮތުން ދަރިވަރެއް ހިއްސާކުރި ޝުޢޫރުގައި ބުނެފައިވަނީ، “މިފަދަ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުން ދަސްވެފައި ހުރި މައުލޫމާތު އެހެން ބަޔަކަށް ހިއްސާ ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި. އަދި ރަށުގެ ރީތިކަން އިތުރު ކުރުމަށް ލިންކު ރޯޑުގައި ގަސް އިންދަން ބައިވެރި ވެވުނީތީވެސް ވަރަށް އުފާކުރަން.”

މި ހަރަކާތްތަކަކީ އައި.ޔޫ.އެމް. އިން މުޖުތަމަޢަށް ދެމުންގެންދާ ޚިދުމަތްތައް ފުޅާކޮށް، ޢިލްމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ދަރިވަރުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments