ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ފެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް މަޖިލީހަށް އިސްލާހެއް!
Bodethi balithakah nurahkaavaa fadha balithakah faruvaa hoadhumah pension faisaa beynun kurevey gothah majileehah islaaheh!

ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ކަނޑައެޅުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލް ގާދިރެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވެނީ ހަމައެކަނި ހައްޖުގެ އަޅުކަން އަދާކުރުމަށާއި، ބޯހިޔާވަހިކަމުގެ ބޭނުންތަކަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި، ކެންސަރު ފަދަ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ބޭސްފަރުވާއަށް ޕެންޝަން ފައިސާއިން ބޭނުންކުރެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން، ބޮޑެތި ބަލިތައް ނުވަތަ ޓާމިނަލް އިލްނަސް ކަމަށް އެ އިސްލާހުގައި ކަނޑައަޅާފައިވަނީ ސިއްހީ ފަރުވާ އެކަށީގެންވާ މިންވަރަށް ދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ، ނާދިރުކަމެއް ކަމަށް ސިއްހީ ފަރުވާދޭ ޑަކްޓަރަކު ކަނޑައޅާފައިވާ ހާލަތްތަކެވެ.
އެފަދަ ހާލަތްތަކުގައި އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ނުވަތަ އެފަރާތެއް ބޭނުންވާ މިންވަރަކަށް ފައިސާ ނެގިދާނެކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ވެސް އެ ބިލުގައި ވަނީ ފާހަގަކޮށްލެވޭ އިސްލާހުތަކެއް ހިމަނާފައެވެ. އޭގެތެރޭގައި؛
ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހަކަށް،ޕެންޝަން އިން ލިބޭ ފައިސާ ފިޔަވައި ދައުލަތުން ލިބޭ އެހެނިހެން ފައިސާގެ ސްކީމުތަކާއި، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދަކީ އަސާސީ ޕެންޝަން އަށް ވުރެ ބޮޑު އަދަދެެއް ނަމަ، އެމީހަކަށް އުމުރުން ދުވަސްވީ މީހުންގެ ޕެންޝަން އެއް ނުލިބޭ.
ޕެންޝަންގެ ފައިސާ ލިބެމުން އަންނަ މީހަކު ގާނޫނެއްގެ ދަށުން މަގާމަކަށް އިންތިހާބުވެއްޖެނަމަ، އެހެން ނޫންނަމަ ސަރުކާރުގެ ކުންފުންޏެއްގެ މަގާމަކަށް ހޮވިއްޖެނަމަ ޕެންޝަން ފައިސާ ނުލިބޭ.




