ގޯލްޑަން ފުޓްސަލް ޗެލެންޖެ: ގަން ބަލިކޮށް އިސްދޫ އަށް ރަނގަޅު ފެށުމެއް
Golden futsal challenge: Gan balikoh Isdhoo ah rangalhu feshumeh

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ލ. ގަމުގެ މައްޗަށް ލ. އިސްދޫ އިން ކުރިހޯދައިފި އެވެ.
މިދިޔަ އަހަރުގެ އަތޮޅު ފައިނަލުގައި ވެސް މި ދެ ޓީމު ވަނީ ކުޅެފަ އެވެ. މި ފަހަރުގެ މުބާރާތާ ގަން ކުރިމަތިލިއިރު، އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިންނަށް ނުކުޅެވެ އެވެ. އެއީ ގައުމީ ފުޓްސަލް ޓީމާއެކު އެ ކުޅުންތެރިން މި މަހު ފަށާ ސާފްގެ ފުޓްސަލް މުބާރާތުގައި ކުޅޭތީ އެވެ.
ގައުމީ ފުޓްސަލް ޓީމުން ޖާގަ ހޯދި ގަމުގެ ތިން ކުޅުންތެރިންނަކީ އޮންލީ، ޖެންނޭ އަދި ޕަފް އެވެ.
ރޭ ކުޅުނު މެޗު ފަށައިގެން ދެވަނަ މިނިޓްގައި ގަމުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަލީ ސާމިސް (ތޮއްޕެ) އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން އިސްދޫގެ ކެޕްޓަން އަލީ ހުމޭޒު ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި މެޗުގެ ލީޑު އިސްދޫ އިން ނެގޭ މެޗުގެ ފަހު ވަގުތުގަ އެވެ. އިސްދޫގެ ފަހު ދެ ގޯލު ޖެހީ ހުސެއިން އަފްހާން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ މީސާގް އީސާ އެވެ.
މީގެ އިތުރުން ރޭ ލ. ކުނަހަންދޫ އިން ވަނީ އެ އަތޮޅު މުންޑޫގެ މައްޗަށް3-1 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ. މި މެޗުގައި ކުނަހަންދޫގެ ސަހީމް އަބްދުލް ގާދިރު ދެ ގޯލު ޖެހިއިރު، އަހުމަދު އަހުނަފް ވަނީ ގޯލެއް ޖަހައިފަ އެވެ. މުންޑޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އިބްރާހީމް ނަޒީލް އެވެ.
މީގެ އިތުރުން ރޭ ލ.ކަލައިދޫގެ މައްޗަށް މާވަށް ކުރިހޯދީ1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާވަށުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ފާރިޝް ހަސަން އެވެ.
މީގެ އިތުރުން ލ. ދަނބިދޫ އިން އެ އަތޮޅު ފޮނަދޫގެ މައްޗަށް ކުރިހޯދީ7-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަނބިދޫގެ އަހުމަދު ރުވާއު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު، މުހައްމަދު މަފާޒް، އަލީ އިރުފާދު އަދި މޫސާ ހާނިމް ވަނީ ގޯލެއް ޖަހައިފަ އެވެ. ދަނބިދޫގެ ފަހު ގޯލަކީ ފޮނަދޫގެ އަހުމދު އަސީލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ފޮނަދޫގެ ލަނޑުތައް ޖަހައިދިނީ އަހުމަދު އަމަން އަލީ އަދި އަހުމަދު އަލްތަފް އަޒީމް އެވެ.




