ގަން ބަލިކޮށް ރާއްޖެ ސުޕަ ލީގުގެ ޗެމްޕިއަންކަން މާބައިދޫ އަށް
Gan balikoh Raajje Super League ge Champion kan Maabaidhoo ah

ވީއޭއެމް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖެ ސުޕަ ލީގުގެ ފައިނަލުގައި ލ. ގަމުގެ މައްޗަށް ކުރިހޯދައި ލ. މާބައިދޫ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލުން މާބައިދޫ ޖާގަ ހޯދީ ސެމީ ފައިނަލުގައި ށ. ފުނަދޫގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. ގަމުން ފައިނަލުގެ ޖާގަ ހޯދީ ކ. ހުރާގެ މައްޗަށް3-1 ސެޓުން ކުރިހޯދައިގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު މާބައިދޫ އިން ކާމިޔާބުކުރީ3-2 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ގަމުން ކާމިޔާބުކުރީ25-21 އިންނެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި، ގަމު ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގާ ސެޓުގެ މެދު ތެރެއިން މާބައިދޫ އިން ވަނީ ބޮޑު ލީޑެއް ނަގާ25-17 އިން މި ސެޓު ކާމިޔާބު ކޮށްފަ އެވެ.
ތިންވަނަ ސެޓުގައި ގަމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އަދި މި ސެޓު ގަމުން ކާމިޔާބުކުރީ25-20 އިންނެވެ. ހަތަރުވަނަ ސެޓުގެ ވެސް ބޮޑުބައި ގަމުން ލީޑު ކޮށްގެން ކުޅުނުއިރު، މި ސެޓު ނިންމާ ނުލެވުމުގެ ފައިދާ ނަގާ މާބައިދޫ އިން ވަނީ ފަހު ވަގުތު ލީޑުކޮށް26-24 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފަހު ސެޓުގައި ގަމު ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ފައިދާ ނަގާ ފަސްވަނަ ސެޓު މާބައިދޫ ކާމިޔާބުކުރީ15-10 އިންނެވެ.
މި ފަހަރުގެ މުބާރާތް މާބައިދޫ އިން ކާމިޔާބުކުރިއިރު، މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާބައިދޫގެ ސެޓަރު ޖޫޒާން ޒަރީރް (ޖޫޒް) އެވެ. މީގެ އިތުރުން އެންމެ މޮޅު ކޯޗަކީ މާބައިދޫގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ.




