ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
Neyvaalaa nizaamuge balithah ithuruvaathy samaaluvumah HPA in ilthimaas kohffi

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ އިތުރުން، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
އަރިދަފުސް ރޯގާއިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް:
ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނޭހެން މާސްކު އެޅުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ބަލި މީހުންނާއި ކުޑަކުދިން ގާތަށް ނުދިއުމަށާއި، ރޯގާގެ އަލާމާތްތައް ހުރި ނަމަ، ރަނގަޅުވަންދެން ސްކޫލު ނުވަތަ ވަޒީފާއަށް ނުގޮސް މަޑުކުރުމަށް ވަނީ އެދިފައެވެ. ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި، އެފަދަ ތަންތަނަށް ދާނަމަ މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ އާއި ބޭރަށް ހިންގުމުން ރައްކާތެރިވުން:
ޑެންގީ ހުމުން ސަލާމަތްވުމަށްޓަކައި މަދިރި އުފެދި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުމަށާއި، މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ބުނެއެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށްޓަކައި، ކާބޯތަކެތި ތައްޔާރުކުރުމާއި ކާން ދިނުމުގެ ކުރިން ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެތި އަބަދުވެސް މަތިޖަހާފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. ބަލި ޖެހިއްޖެ ހާލަތެއްގައި ގިނައިން އޯއާރުއެސް ނުވަތަ ދިޔާތަކެތި ބޭނުންކުރުން މުހިންމެވެ.
ބަލީގައި ބޮޑުވަރުވާ ނަމަ ލަސްނުކޮށް ފަރުވާ ހޯދުން:
ޚާއްޞަކޮށް ހިތުގެ ބަލިތަކާއި، ފުއްޕާމޭ އަދި ކިޑްނީގެ ބަލިތައް ފަދަ ދިގު މުއްދަތަކަށް ފަރުވާކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބަލީގެ އަލާމާތެއް ފެނުމާއެކު އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދެއެވެ. މީގެ އިތުރުން ތިރީގައިވާ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް އިމަޖެންސީ ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.
މޭގައި ރިއްސުން ނުވަތަ ނޭވާލާން އުނދަގޫވުން.
ނޭވާލާއިރު އަޑެއް އިވުން ނުވަތަ މާބޮޑަށް ވަރުދެރަވުން.
ހޮޑުލުމުގެ ސަބަބުން ދިޔާތަކެތި ނުބޮވުން ނުވަތަ ކުޑަކަމުދާ މިންވަރު އާދަޔާ ހިލާފަށް މަދުވުން.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ސިއްހީ އެހީތެރިއެއްގެ އިރުޝާދުގެ ދަށުން ނޫނީ ކަފް ސިރަޕް ނުވަތަ އެންޓިބަޔޮޓިކް ފަދަ ބޭސްތައް އަމިއްލައަށް ބޭނުން ނުކުރުމަށެވެ.




