ޕެނަލްޓީގައި ގަން ބަލިކޮށް އިސްދޫ އިން ވިދިވިދިގެން ދެވަނަ ފަހަރަށް އަތޮޅު ރަސްކަމަށް
Penaltyga Gan balikoh Isdhoo in vidhi vidhigen dhevana faharah atholhuge raskamah

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލ. އަތޮޅު ފައިނަލުގައި ވަރުގަދަ ގަމުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދާ އިސްދޫ އިން ވިދިވިދިގެން ދެވަނަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެސް މި ދެ ޓީމު ވަނީ ވާދަކޮށްފަ އެވެ. އެ ފަހަރުގެ ފައިނަލުވެސް އިސްދޫ އިން ވަނީ ގަން ބަލިކޮށް ކާމިޔާބުކޮށްފަ އެވެ.
މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމުން ވަނީ ވާދަކޮށްފަ އެވެ. އެ މެޗު ވެސް، ފަހަތުން އަރައި އިސްދޫ އިން ވަނީ3-1 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފަ އެވެ.
މިރޭ ކުރިއަށްދިޔަ ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ1-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ގަމުންނެވެ، މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަޖުވަދު ޖެހި ގޯލުންނެވެ. އެކަމަކު ދެވަނަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އިސްދޫގެ އަލީ ހުމޭޒު ޖެހި ގޯލުން ނަތީޖާ ވަނީ ހަމަހަމަ ކޮށްފަ އެވެ.
ޕެނަލްޓީގައި ގަމުގެ އަލީ ސާމިސް (ތޮއްޕެ) އާއި މުހައްމަދު އަކުމަލް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ޕެނަލްޓީގައި އިސްދޫގެ ހުސެއިން އަފްހާން ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
އިސްދޫގެ ޕެނަލްޓީތައް އެ ޓީމަށް ޖަހައިދިނީ ލޫތު އަހުމަދު ފަތުހީ، ހުމޭޒު، އަހުމަދު އަފްސަމް، ހޫދު އަހުމަދު ފަތުހީ، އަލީ މީސާގު އީސާ އަދި ހުސެއިން ސާމިނު އެވެ.
ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މީސާގު ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް މީސާގު އެވެ.
މި މުބާރާތުގައި ގަމަށް އަދި އިސްދޫ އަށް ވެސް ދެން އޮންނާނީ، ޒޯނު ބުރުގެ މެޗުތަކެވެ. ޒޯނު ހައެއްގައި ގަމާއި، އިސްދޫގެ އިތުރުން ދެން ހިމެނެނީ، ކިނބިދޫ އާއި ތ. އަތޮޅު ޗެމްޕިއަން ތިމަރަފުށި އެވެ.




