ފޮނަދޫ ބަނދަރަށް ކާރެއް ވެއްޓިއްޖެ

ހައްދުންމަތީ ފޮނަދޫ ބަނދަރަށް ކާރެއް ވެއްޓިއްޖެ އެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ކާރު ބަނދަރަށް ވެއްޓިފައިވަނީ ހިތަދުއަށް ގެންދިޔުމަށް ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގަ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކާރަކީ ގަމު މީހެއް އަތުން ހިތަދޫ މީހެއް ގަނެފައިވާ ކާރެކެވެ. އަދި އެއީ ކޮން ވައްތަރެއްގެ ކާރެއް ކަމެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.
ކާރު މޫދަށް ވެއްޓުނުއިރު އެތެރޭގައި އިނީ އެންމެ މީހަކެވެ. މިހާދިސާގައި ކާރު ދުއްވަން އިން މީހާ އަށް އެއްވެސް އަނިޔާއެއް ނުވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ކާރު ބަނދަރުން ނެގުމަށް ކެރޭން ބޭނުންކޮށްގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.