ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ރައީސް އިލްތިމާސްކުރައްވައިފި

Namaadhun dhuvash feshumah azum kanda elhumah raees ilthimaas kurahvaifi

ފަތިސް ނަމާދަށް ގަޑިއަށް ހޭލައި ހުރިހާ ދަރިވަރުންވެސް ނަމާދަށް ފަރުވާތެރިވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ހުރިހާ ކިޔަވާ ކުދިން، ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުކޮށްގެންތޯ ކަށަވަރު ކުރުމަކީ މައިންބަފައިގެން ޒިއްމާއެއް ކަމަށް ދެކިވަޑައިގެން އެކަން ކަށަވަރުކުރެއްވުމަށެވެ.

މީގެއިތުރުން، ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޓީޗަރުން ބުނާ ބަސް އަހާ، ތަޢުލީމީ ޙަޔާތުގައި ސްކޫލްތަކުގެ ވެރިން އަންގާ މަގުން ކަންކަން ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެމަގުން ކަންކަން ކުރުމުން ތުއްތު ކުދިންގެ މުސްތަޤްބަލަށް އަޅައިދޭ ބިންގަލަކީ ގުޑުވާނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް ކަމުގައި ވާނެ ކަމަށެވެ.

ދަރިވަރުން ކިޔަވައި ނިމިގެން ބޮޑެތިމީހުންނަށްވެ، ކުރިއަށްދާން ބަލާއިރު ބިންގާއޮތީ ރެނދުއަޅާ ބަލިކަށިކޮށް ކަމަށްވާނަމަ، ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަމިއާއެކު، ސްކޫލްތަކަށް ދަރިވަރުން އަންނަނީ އެ ބިންގާ ވަރުގަދަކުރަންކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ވުމަށް ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދައްކައިދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ޒިއްމާއެއްކަން ރައިސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މުޖުތަމަޢުގައި އުޅޭ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ހިމެނޭގޮތަށް “އިންކްލޫސިވް އެޑިޔުކޭޝަން” އަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ،  ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ”އިންކްލޫސިވިޓީ” އިތުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments