ގަން ކަޓައިފި، އިސްދޫ ގަދަ 16 އަށް
Gan kataifi, Isdhoo gadha 16 ah

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ހައެއްގެ ފައިނަލުން ޖާގަ ހޯދާ އިސްދޫ އިން ގަދަ 16 ޔަގީންކުރިއިރު، ތ. ކިނބިދޫ އަތުން ބަލިވެ، ގަން މުބާރާތުން ކަޓައިފި އެވެ.
ރޭ ޒޯން ހައެއްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުނުއިރު، މި މެޗަށް ނުކުތްއިރު، ވެސް ގަމަށް ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ. ގަމުން ރޭ ކިނބިދޫއާ ކުޅުނު މެޗުން ބަލިވީ 4-2 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ކިނބިދޫގެ މުހައްމަދު ޝަހާއު (ބޭލް) ދެ ގޯލު ޖެހިއިރު، އަހުމަދު ހަމްދާން ހުސެއިން އަދި އަބްދުﷲ ސަމީހު ވަނީ ގޯލެއް ޖަހައިފަ އެވެ. ގަމުގެ ދެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.
މީގެ އިތުރުން ރޭ ތިމަރަފުށިއާ އެއްވަރުކޮށް އިސްދޫ އިން ވަނީ ގަދަ 16 ގެ ޖާގަ އެއް ޔަގީންކޮށްފަ އެވެ. މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ތިމަރަފުށިންނެވެ. ލިބުނު ހިލޭ ޖެހުމަކުން މި ގޯލު ތިމަރަފުށި އަށް ކާމިޔާބުކޮށްދިނީ އަހުމަދު އަފްލާޒް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިސްދޫގެ ލޫތު އަހުމަދު ފަތުހީ ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފުގައި އަފްލާޒް ވަނީ އިތުރު ގޯލެއް ޖަހައި ތިމަރަފުށި އަށް އަލުން ލީޑު ނަގައިދީފަ އެވެ. އެކަމަކު ދެވަނަ ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށް އިސްދޫގެ ލޫތު ވަނީ އަލުން ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ނަތީޖާތަކާއެކު ޒޯނު ހައެއްގެ ފައިނަލުގައި ވާދަކުރަނީ އިސްދޫ އާއި ތިމަރަފުށި އެވެ.




