އޮންލީ، ޖެންނެ – މުޅި ލާމުގެ ފަހުރެއް
Only, Jeynne - Mulhi Laamuge fahureh
ފުޓްސަލްގައި ލާމު އަތޮޅަކީ ރާއްޖޭގެ ގަދަ ބާރެކެވެ. ހާއްސަކޮށް، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް މުބާރާތް ކާމިޔާބުކުރި މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅަކީ ލާމު އަތޮޅެވެ. ރާއްޖޭގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ލާމު އަތޮޅު ކުޅުންތެރިންގެ ނުފޫޒުވެސް އެހާ ގަދަ އެވެ. އެތައް މުބާރާތެއްގެ “ކިންގް” ކަން ހޯދައިފައިވާ ކުޅުންތެރިން ލާމު އަތޮޅަށް ނިސްބަތްވެ އެވެ. މީގެ އިތުރުން ލާމު އަތޮޅަކީ ފުޓްސަލްގައި އަޑު ގަދަ އަތޮޅެކެވެ.
މިދިޔަ މަހު ތައިލަންޑްގެ ބެންކޮކްގައި ނިމިގެންދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް، ލާމު އަތޮޅަށް ހާއްސަ އެވެ. އެއީ ގައުމީ ފުޓްސަލް ޓީމު ސްކޮޑުގައި ހިމެނިގެން ލާމު އަތޮޅުގެ ދެ ކުޅުންތެރިން އެ މުބާރާތުގައި ކުޅެ ރާއްޖެއިން ހޯދި ރަން މެޑަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރީތީ އެވެ.
ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑުގައި ހިމެނުނު ލާމު އަތޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިންނަކީ ލ. ގަމު، ހުސެއިން ޝަރީފް (އޮންލީ) ގެ އިތުރުން އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މީގެ އިތުރުން ގަމު ޓީމުގެ ކީޕަރު ޕަފް ވަނީ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނި ތަމްރީން ފުރިހަމަ ކޮށްފަ އެވެ.
ފުޓްސަލްގައި އޮންލީއަކީ އިތުރު ތަފްސީލެއް ދޭން ޖެހޭނެ ކުޅުންތެރި އެއް ނޫނެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ކިންގްގެ މަގާމާއެކު އޭނާ ވެގެން ގޮސްފައި ވަނީ ރާއްޖޭގައި ހުރި އެންމެ މޮޅެތި ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އޮންލީ އަކީ ކުޅުންތެރިން ގޮވައިގެން ލީޑަރެއްގެ ދައުރު އަދާކުރުމުގައި ތަފާތު ދައްކާފަ އެވެ. އެކަން އޮންލީއާއެކު ކުޅުނު ކުޅުންތެރިން ފާހަގަ ކުރާނެކަން ކަށަވަރެވެ.
ޖެންނޭ ފުޓްސަލްގައި ވިދަން ފެށީ ލ. ގަމުން ގޯލްޑަން ފުޓްސަލް ޗެލެންޖް2022 ވަނަ އަހަރު ކާމިޔާބުކުރުމާއެކުގަ އެވެ. އެ ފަހަރުގެ މުބާރާތުގައި ޖެންނޭ ވަނީ ތަފާތު މޮޅަށް ކުޅެފަ އެވެ. ޖެންނޭ އަކީ ފުޓްސަލްގެ އިތުރުން ބޮޑު ފުޓުބޯޅައިގައި ވެސް ނަން މަޝްހޫރު ކުޅުންތެރިއެކެވެ. ޖެންނޭ އަށް ގައުމީ ފުޓްސަލް ޓީމުން ޖާގަ ލިބުނީ އޭނާގެ ކްލަބް ބުރު ސްޕޯޓްސް ކްލަބުން ރިލީޒް ހަމަ ޖައްސައިދިނުމުންނެވެ. ބުރުން ވަނީ ޖެންނޭގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެ ފުރުސަތު އެ ޓީމުން ދޭން ނިންމީ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
ޖެންނޭ އާއި އޮންލީގެ އިތުރުން މި ކާމިޔާބީގައި ދެން ވެސް ހިމެނެނީ ލާމުގެ މޫނެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ނަން ހިނގާ ވަރުގަދަ ނަމެކެވެ. ސާފްގެ ފުޓްބޯޅަ އަދި ފުޓްސަލް ރަން މެޑަލް ކަރުގައި އެލުވާލި ފަރާތެކެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކުޅުންތެރިއެކެވެ. އަދި ފުޓްސަލް ގައުމީ ޓީމުގެ މެނޭޖަރުގެ ގޮތުގައި ފުޓްސަލްގެ ރަން މެޑަލް ހޯދި ފަރާތެކެވެ. އެއީ ލ. ކުނަހަންދޫ އަށް ނިސްބަތްވާ މުހައްމަދު އުމެއިރު (އޫމީ) އެވެ.
މީގެ އިތުރުން އަންހެން ގައުމީ ޓީމެއް ގޮވައިގެން މުޅިން އަލަށް ފުޓްސަލް މުބާރާތަކަށް ރާއްޖެއިން ނުކުތްއިރު، އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރީ ވެސް ލާމު އަތޮޅު ކޯޗެކެވެ. އާތިފް މުހައްމަދު އެވެ. އާތިފް ވަނީ މި މުބާރާތުގައި އަންހެން ގައުމީ ޓީމަށް އެކަށީގެންވާ ތަމްރީނު ލިބިއްޖެ ނަމަ އަންހެން ޓީމަކީ ވެސް ކާމިޔާބު ހޯދޭނެ ފެންވަރުގެ ޓީމެއްކަން ސާބިތު ކޮށްދީފަ އެވެ. އަންހެން ގައުމީ ޓީމުގައި ވެސް ލާމަށް ނިސްބަތްވާ ހަތަރު ކުޅުންތެރިން ތިއްބެވެ.
ޖުމްލަ ގޮތެއްގައި މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕާއެކު، މުޅި ލާމު އަތޮޅަށް ލިބުނީ ފަހުރުވެރި ކާމިޔާބީއެކެވެ. ފުޓްސަލްގައި ލާމު އަތޮޅުގެ ނަން އިތުރަށް ވިދާލާފި އެވެ.




