ކުދިން ދިރިއުޅޭ މާހައުލުން ފެންނަ ކަންތައްތަކަކީ ރަނގަޅު ކަންތައްތަކަކަށް ވާންޖެހޭ

ކުދިން ދަސްކުރާނީ އެ ކުދިންގެ މާހައުލުން ފެންނަ ކަންތައްތަކެވެ. ކުދިން ގިނަ ވަގުތު ހޭދަ ކުރަނީ މައިންބަފައިންނާ އެކުގައި ކަމަށްވާ ނަމަ އެ ކުދިން ދަސްކުރާނީ އެ މީހުންގެ ފަރާތުން ފެންނަ ކަންތައްތަކެވެ. ގެއިން ބޭރުގައި ނަމަ އެންމެ ގިނަ އިރު އެ އުޅޭ ތަނަކުން ފެންނަ ކަންތައްތަކެވެ.

ކުދިން ތައުލީމު ހާސިލް ކުރުމަށްޓަކައި ސްކޫލަށް ފޮނުވަން އެބަ ޖެހެ އެވެ. އެހެން މީހުންނާ އެކު އުޅުމާއި ތަފާތު ކަންތައްތައް ދަސްކުރުމަށް ބޭރަށް ދިޔުމުގެ ފުރުސަތު ވެސް ދޭން އެބަ ޖެހެ އެވެ. މި ފަދަ ބޭނުންތަކުގައި ގެއިން ބޭރުގައި ކުދިން އުޅޭ ވަގުތުތަކުގައި ކުދިންނަށް ފެންނަ ކަންތައްތަކާ މެދު ތިމާގެ އަމިއްލަ ބާރެއް ފޯރުވުމުގެ މާ ބޮޑު ފުރުސަތެއް ނެތް ނަމަވެސް ގޭތެރޭގެ މާހައުލުން ކުއްޖާ އަށް ފެންނަ ކަންތައްތަކަކީ ރަނގަޅު ކަންތައްތައް ކަމަށް ހެދުމަށް މަސައްކަތް ކުރާށެވެ.

މި ގޮތުން ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ މައިންބަފައިންގެ ފަރާތުން ކުދިންނަށް ނަމޫނާ ދެއްކުމެވެ. ތިމާގެ ދަރިންނަކީ ދީނަށް ލޯބި ކުރާ ހުލްގް ހެޔޮ ބަޔަކު ކަމަށް ވާން ބޭނުން ނަމަ އެންމެ ފުރަތަމަ ތިމާ އަކީ ދީނަށް ލޯބި ކުރާ ހުލްޤް ހެޔޮ މީހަކަށް ވާން ޖެހެ އެވެ. އެ ކަން ތިމާގެ އަމަލުތަކުން ކުއްޖާ އަށް ދައްކައިދޭން އެބަ ޖެހެ އެވެ.

ކުދިންނަކީ ބަސްއަހާ ބަޔަކަށް ހެދުމަށްޓަކައި މަންމަ އާއި ބައްޕަ އަކީ ވެސް ހަމަޖެހިގެން ދިރިއުޅޭ ދެމަފިރިންނަށް ވާން ޖެހެ އެވެ. ކުދިންގެ ކުރިމަތީގައި އެކަކު އަނެކަކަށް ޒުވާބުކޮށް ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ނަމަ ކުދިންނަށް ވެސް އެ ކަންކަން ދަސްވާނެ އެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ހުތުރު ބަސްތައް ކިޔައި އަތް އިސްކޮށް ހަދާ ނަމަ ކުދިންނަށް ވިސްނޭނީ އެއީ ރުޅިއައުމުން އެންމެން ވެސް ކަންތައް ކުރަންވީ ގޮތް ކަމަށެވެ.

ޓީވީ އާއި އިންޓަރނެޓަކީ މި ފަހަކަށް އައިސް ކުދިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗަކަށް ވީ ހިނދު އެ ފަދަ ވަސީލަތްތަކުގެ ބޭނުން ކުއްޖާ ހިފަނީ ކިހިނެއް ތޯ މައިންބަފައިން ބަލަން އެބަ ޖެހެ އެވެ. ބައެއް މީހުން ބުނެ އުޅެ އެވެ: “މިވެނި މީހަކީ ހާދަހާ ރަނގަޅު މީހެކެވެ. އެކަމަކު އޭނާގެ ދަރިފުޅު ބަލާބަލާށެވެ. އޭނާގެ ދަރިއެކޭ ވެސް މީހަކު ނުބުނާނެ އެވެ.” އެކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކުއްޖާ އަށް ނުފޫޒް ފޯރަނީ ހަމައެކަނި މައިން ބަފައިންގެ ފަރާތުން ނޫން ކަމެވެ.

ޓީވީ އާއި އިންޓަރނެޓް ފަދަ ވަސީލަތްތަކަކީ ކުދިންގެ ހިތް ދަމައިގަތުމުގެ ބާރު ލިބިފައިވާ 2 އެއްޗެވެ. އެ ކަމާ މެދު މައިންބަފައިން ސަމާލު ނުވެއްޖެ ނަމަ ކިތަންމެ ރަނގަޅު މަންމައަކާއި ބައްޕައަކަށް ލިބިފައި ހުރި ދަރިއަކު ވެސް ގޯސްވަމުން ދިޔުމަކީ ހަމަ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރާށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments