އަންހެން ޑިވިޝަނުގެ ފައިނަލުގައި ފީނިކްސް އާއި ޑީޑީއެފް ގާލްސް ޖެނެރޭޝަންގެ ކުރިމަތިލުމެއް

މިހާރު ކުރިޔަށްދާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ފައިނަލުން ފީނިކްސް އާއި ޑީޑީއެފް ގާލްސް ޖެނެރޭޝަން ފުރުސަތު ހޯދައިފި އެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ފީނިކްސް އިން ހޯދާފައިވަނީ އާދީއްތަ ދުވަހުގެރޭ ޓީމް އަޒުމް އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެނެވެ. މި މެޗު ފީނިކްސް އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ފީނިކްސް އިން ކާމިޔާބުކޮށްފައިވަނީ 25-15 އަދި 25-12 އިންނެވެ. މި ދެ ސެޓުން ޓީމް އަޒުމް އަށް އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ތިންވަނަ ސެޓުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ޓީމުން ވަނީ 25-22 އިން ތިންވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ހަތަރުވަނަ ސެޓު 25-23 އިން ކާމިޔާބުކުރީ ފީނިކްސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފީނިކްސްގެ ޖާޒީ ނަންބަރު 2، މަރިޔަމް އަޒީފާ އެވެ.

ޑީޑީއެފް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސީދާ ތިން ސެޓުން ސްޓާލިޓް ބަލިކުރުމަށްފަހު އެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-10، 26-24 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑީޑީއެފްގެ ޖާޒީ ނަންބަރު 11، އައިޝަތު ރީމާ އެވެ.

ފީނިކްސް އާއި ޑީޑީއެފް ގާލްސް ވާދަކުރާ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގަ އެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ކޭއެމް ސްޕޯޓްސް ކްލަބާއި ސިޓިޒެން ސްޕޯޓްސް ކްލަބެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments