މާޖިދާ: ދިވެހި ވޮލީ ބޯޅައިގެ ރާނީ!
Maajidhaa: dhivehi volley boalhaige raanee!

ދިވެހި ވޮލީ ބޯޅައިގެ އެންމެ ކުރީ ސަފުގައި ތިބި ކުޅުންތެރިންގެ ނަން ކިޔާނަމަ ލާމު ގަަމަށް އުފަން އާއިޝަތު މާޖިދާ ( މާޖީ) ގެ ނަން އެންމެ ކުރީގައި ހިމެނޭނެއެވެ.
ގަމު ހަމަދު ސްކޫލުން ތައުލީމު ހާސިލްކުރުމަށްފަހު މާޖިދާ ވޮލީ ބޯޅައިގެ ހަޔާތް ފެށީ އުމުރުން އެންމެ 17 އަހަރުގައެވެ. އެންމެ ކުޑައިރުއްސުރެ މާޖިދާ ވޮލީ ބޯޅައަށް ޝައުގު ހުރެއެވެ.
“ ފުރަތަމަ ވޮލީ ކުޅުނީ ސްކޫލް އިންޓަރ ހައުސް ވޮލީ ބޯޅަ ޓޯރނަމެންޓް. ދެން ހަވީރު ވެސް ކުޅެން ދަން ގްރޭޑް 10 ގައި އުޅެމުން.”
ވޮލީގެ އެންމެ ފުރަތަމަ ކާމިޔާބީގެ ގޮތުގައި މާޖިދާ ފާހަގަކުރީ، ފޮނަދޫގައި އޮތް ގައުމީ މުބާރާތުގައި 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބުމެވެ. އެހިސާބުން މާޖިދާގެ ވޮލީ ބޯޅަ ކެރިއަރ ފެށުނެވެ. އެ މުބާރާތަށްފަހު މާޖިދާ އާއި އެއްބަނޑު އެއްބަފާ ދައްތަ މަޒިއްޔާއަށް ގައުމީ ޓީމުން ޖާގަ ލިބުނެވެ.
ގައުމީ ޓީމުން ޖާގަ ލިބިގެން މާޖިދާ އުމުރުން 17 އަހަރުގައި މާލެއައީ ވަރަށް ގިނަ ހުވަފެންތަކާއެކުގައެވެ. އެ ހުވަފެންތަކުގައި މާޖިދާ ވަނީ ގަދަ ހިތްވަރާއެކު ކުލަ ޖައްސާފައެވެ. އެގޮތުން، 2025 ވަނަ އަހަރު ގެ “ސްޕޯޓްސް ވިމެން އޮފް ދަ އިއަރ” މިފަހުން ހާސިލްކޮށްފައިވާއިރު، 2023 ,2024 އަދި 2025 ވަނަ އަހަރު ވަނީ“ބެސްޓް ޕްލެޔަރ އޮފް ވޮލީ” ސިލްވަރ އެވޯޑް ހާސިލްކޮށްފައެވެ. މާޖިދާ ބުނީ މިއީ އޭނާގެ ވޮލީ ލައިފް ގައި އެންްމެ އުފާވި ދުވަސްތައް ކަމަށެވެ.
“ އެންމެ ދެރަވީ ފޯރ ނޭޝަން މުބާރާތުގެ ފައިނަލް މެޗުގައި ބަލިވީމަ”
މާޖިދާ ބުނީ ކެރިއަރ ގައި އެންމެ ނަގަން ބޭނުންވަނީ އެސޯސިއޭަޝަން ކަޕްގެ ތަށި ކަމަށާއި މިފަހަރު ނެގިއްޖެނަމަ ޖެހިޖެހިގެން 6 ފަހަރަށް އެ ތަށި ނެގުނީ ކަމަށެވެ.
ކާމިޔާބާއާ ހަމައަށް ކޮންމެ މީހަކަށް ވެސް ވާސިލްވެވޭނީ ވަރަށް ގިނަ ގޮންޖެހުންތައް ގިރާކޮށްފައެވެ. މާޖިދާ ވެސް ވަނީ އޭނާގެ ހަޔާތުގައި ކާމިޔާބުމީހަކަށް ވުމަށްޓަކައި ގޮންޖެހުންތަކަކާ ކުރިމަތިލާފައެވެ. މާޖިދާ ބުނީ އޭނާ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގޮންޖެހުމަކީ، ކައިވެނި ކޮށް ދަރިއެއް ލިބުމާއެކު، ވަރަށް ބޮޑަށް ފަލަވުމުން، ބަރުދަން ލުއިކުރުމަށް ކުރަން ޖެހުނު މަސައްކަތް ކަމަށެވެ. އެހެންނަމަވެސް، މާޖިދާ އެނބުރި ދާއިރާ އަށް ނިކުތީ ކުރިއަށްވުރެވެސް ވަރުގަދަކޮށެވެ.
“ފިޓްކޮށް ހުންނަން ވަރަށް މަސައްކަތްކުރަން. ގޭގައި ބަރާބަރަށް ވޯރކްއައުޓް ހަދަން.”
މާޖިދާ ބުނީ މިހާ ހިސާބަށް އައުމަށް އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.
“މާޖީގެ މަންމަ، ބައްޕަ، މުޅި އާއިލާ އަދި ޒިވިއަން ( ދަރިފުޅު) ގެ ބައްޕަ އާ ދަރިފުޅު ބައްޕަ އާއިލާގެ ފަރާތުންވެސް ވަރަށް ސަޕޯޓް ލިބޭ. މި އެންމެން މާޖީގެ ލައިފްގައި ތިބެގެން މާޖީއަށް މިހާހިސާބަށް މިއާދެވުނީ.”
އެންމެ ފޭވަރިޓް ވޮލީ ބޯޅަ ކުޅުންތެރިޔަކީ ކާކުހޭ އެހުމުން މާޖިދާ ބުނީ އޭނާގެ ދައްތަ މަޒިއްޔާގެ ނަމެވެ.
“ މިހާރުގެ އެތްލީޓުންނަށް ބުނެލާނީ ހިތްވަރާއެއްކޮށް، މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ވެސް އިންޝާ الله ކާމިޔާބު ލިބޭނެއެވެ.”
މާޖީދާ އިތުރަށް ބުނީ ވޮލީ ނޫން އެހެންދާއިރާ އަކުން ފެނިދާނެހެން ހީ ނުވާ ކަމަށެވެ.




