ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ތިން ވަނަ ބެޗުގައި ބައިވެރިވުމަށް ހުޅުވާލައިފި
Vathanee hidhumathuge programme gai baiverivumah hulhuvaalaifi

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު ( މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. އެގޮތުން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާއިރު، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ އިގްރާރެއް ހުށަހަޅަންޖެހެއެވެ.
މީގެއިތުރުން، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ހިދުމަތްކުރެވޭނެ ފަދަ ސިއްހަތެއްގައި ހުރި ފަރާތެއްކަމުގައި ވާންޖެހެއެވެ.އެހެންކަމުން، މި ޕްރޮގްރާމަށް ބައިވެރިން ހޮވާނީ، މެޑިކަލް އެސެސްމެންޓްއެއް ފުރިހަމަކުރުމަށްފަހުގައެވެ.
ހަމަމިއާއެކު، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ފަރާތަކަށްވެސް، ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތަމްރީނު ފުރިހަމަކުރުމުން ކަނަޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕުރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. މިޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހެވެ.




