ސިޓިޒެން ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި އުފުލާލައިފި

މާމެންދޫގައި މިހާރު ކުރިޔަށްދާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސިޓިޒެން ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ސިޓިޒެން އިން ޗެމްޕިއަންކަން ހޯދާފައިވަނީ ހޯމަ ދުވަހުގެރޭ ކުޅެވުނު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކޭއެމް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ. މި މެޗުން ސިޓިޒެން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު ސިޓިޒެން އިން ކާމިޔާބުކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެގޮތުން، ފުރަތަމަ ސެޓު 25-13 އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ.
ކޭއެމް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތިންވަނަ ސެޓު 26-24 އިން ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، ސިޓިޒެން އިން ވަނީ 25-22 ގެ ނަތީޖާއަކުން ހަތަރުވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސިޓިޒެންގެ ޖާޒީ ނަންބަރު 17، ހުސައިން ޔޫސުފް އެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސިޓިޒެންގެ އިބްރާހިމް ފަޒީލް (އިއްބެ) އެވެ. އިއްބެގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ސިޓިޒެންގެ އަހުމަދު ޝަރީފް އާއި އަހުމަދު ނާސިފް އަދި ހުސައިން ޔޫސުފްގެ އިތުރުން ކޭއެމްގެ އަހުމަދު ފައިރޫޒް އާއި މާއިދު މުހައްމަދު ޚަލީލް އެވެ. އެންމެ މޮޅު ލިބަރޯ އަކަށް ކޭއެމްގެ އިދުރީސް މާހިރު ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކީ ސިޓިޒެންގެ އަބްދުﷲ ރަޝީދެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކީ ދަ ގުރޫޕެވެ. އަދި ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮނިފައިވަނީ އެ ޓީމުގެ މޫސާ ރަމީޒް އެވެ.
ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާ 2024 ގައި މިރޭ ކުޅެވޭނީ އަންހެން ޑިވިޝަނުގެ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ފީނިކްސް އާއި ޑީޑީއެފް ގާލްސް ޖެނެރޭޝަން އެވެ.