އަންހެނުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މަރިޔަމް އިސްމާއީލް
Anhenunge huri kanboduvunthakah hahlu hoadhai dheynan: Mariyam Ismail

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމަށް ހޮވިއްޖެނަމަ އަންހެނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމަށް އަންހެނުންގެ ތަރައްގިީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލެއްވި އެމްޑީޕީ ކެނޑިޑޭޓު މަރިޔަމް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެނޑިޑޭޓް ނަމްބަރ 4 މަރިޔަމް އިސްމާއީލް މިފަދައިން ވިދާޅުވީ ”ލާމު އެމްވީ“ އިން ލޯކަލް ކައުންސިލް އަދި އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީގެ އިންތިހާާބާއި ދިމާކޮށް ކުރިއަށްގެންދާ ’ކެނޑިޑޭޓް 2026‘ ގެ އެޕިސޯޑް 1 ގައެވެ.
މަރިޔަމް ވިދާޅުވީ، އަންހެނުންގެ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލެއްވީ މިހާރުވެސް އަންހެނުން ކުރާ ގިނަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް ވުމާއެކު، މިހާރަށް ވުރެ ބޮޑަށް ކަންކަމުގައި ހަރަކާތްތެރިވެ، އެހީތެރިވުމަށް ބޭނުންވާތީކަމަށެވެ.މަރިޔަމް ވިދާޅުވީ ސިޔާސީ ދާއިރާއަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމަށާއި، 2012 އިން ފެށިގެން ސިޔާސީ ގިނަ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް ސިޔާސީ މިފަދަ މަގާމަކަށް މި ކުރިމަތިލީ ފުރަތަމަ ފަހަރަށް ކަމަށް މަރިޔަމް ވިދާޅުވިއެވެ.
”ރަށުގެ އިޖުތިމާއީ ކަންތައްތަކުގައި އަންހެނުންނާއެކު ހަރަކާތްތެރިވާއިރުގައި، އަޅުގަނޑަށް ފާހަގަކުރެވޭ، އަންހެނުންގެ ހުރި ކަންބޮޑުވުންތައް. އިރާދަކުރެއްވިއްޔާ މިކަންކަމަށް ހައްލު ހޯދައިދޭނަން.“
ކުރިއަށް އޮތް ދައުރުގައި ގަން ތަސައްވުރު ކުރަމުން، މަރިޔަމް ވިދާޅުވީ، އަންހެނުންނަކީ ބާރުވެރު ބަޔަކަށް ވުމަށާއި، އަންހެނުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އަމިއްލައަށް ހާސިލްކުރެވޭނެ ފަދަ ބަޔަކަށް ހެދުން ކަަމަށެވެ. މީގެއިތުރުން، މަރިޔަމް ވިދާޅުވީ އޭނާ އަށް ވޯޓު ދޭން ޖެހޭ އެންމެ މުހިއްމު ސަބަބަކީ މިހާރުވެސް އަންހެނުން ކުރާ ކަންތައްތަކުގައި، އެހީތެރިވެދީ އުޅޭ ފަރާތަކަށް ވާތީ ކަމަށެވެ.


