ސާމިން – ތަސައްވަރާއެކު ފޮނަދޫ އެހެން ހަރުފަތަކަށް ގެންދިޔުމުގެ އަޒުމުގައި
Samin - Thasavvarakaaeku fonadhoo ehen harufathakah gendhiyumuge azumugai

ލ.ފޮނަދޫ ފިޔަނޫމާގެ އިބްރާހިމް ސާމިން ލ. ފޮނަދޫ ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލީ އެކަމަށް ފުރިހަމަ ވިސްނުމަކާއެކުގައެވެ. ވިސްނުމެއް، ތަސައްވަރެއް އޮވެގެންނެވެ. ސިޔާސީ ނުފޫޒާއި ނާޖާއިޒު ބާރަކީ ތަރައްގީ ކަމަށް ދެކެމުންދާ ވިސްނުން ދޫކޮށް، ފުދުންތެރި ފޮނަދުއެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައެވެ. އެ ވިސްނުމަށް ފޮނަދޫ ބަދަލުރަން ޖެހޭކަން އެނގިގެންނެވެ. އިގުތިސާދީ ފުދުންތެރިކަން ދަށްވެ، ފޮނަދޫ ރައްޔިތުންގެ އަތްމަތި ދަތިވެ، ދިރިއުޅުން މަލަސްކުރުމުގައި އުފުލަން ޖެހޭ ތަކުލީފު ދަނެގެންނެވެ. ހަގީގާތުގައިވެސް ރަށުގެ އިގުތިސާދަށް، އާއްމުހާލަތަށް، އަމިއްލަ ފުދުންތެރިކަމަށް ވިސްނަން ޖެހިއްކަން ސާމިން ގަބޫލުކުރެއެވެ. އެއީ ހަގީގީ ތަރައްގީއެވެ.
”ފޮނަދުއަކީ ލ.އަތޮޅުގެ ވެރިކަން ކުރާ ރަށް އަދި އެއީ އެތައް ބައިވަރު ފުރުސަތުތަކެއް އޮތް ތަނެއް. އެހެންނަމަވެސް ކައުންސިލް އަބަދުވެފައި މިވަނީ ހަރަދުކުރާ ތަނެއްގޮތުގައި ރަށުގެ އިގުތިސާދީ އެއްވެސް ކަމެއް ނުފެށި އޮތް ރަށެއްގޮތުގައި. މިއީ ހައްގުވާން ޖެހޭ މިންވަރެއް ނޫން. ރައްޔިތުންގެ ފުދުންތެރިކަމަށް ކައުންސިލުން ފުރުސަތު ތަނަވަސްކޮށްދޭން އެބަޖެހޭ،“ ސާމިން ބުންޏެވެ.
”އަޅުގަނޑު އެންމެ އިސްކަމެއްދޭނީ ކުރެވޭ ހަރަދުތަކަކީ އޭގެ ރިޓާން އަންނާނެ ހަރަދަށް ހެދުން. ކުރުކޮށް ބުނާނަމަ ކުރާ ކޮންމެކަމަކީ ދެކޮޅު ޖެހޭކަމަކަށް ހެދުން. އެހެން ނޫން ކަމަށް ވާނަމަ، ފުދުންތެރި ރައްޔިތެއް ބިނާކުރުމަކީ ކުރެވޭނެ ކަމެއް ނޫން،“ ސާމިން އިތުރަށް ފާހަގަކުރިއެވެ.
ސާމިންގެ މެނިފެސްޓޯ ބިނާކޮށްފައި ވަނީ މައިގަނޑު ދެ އަސާސަކަށެވެ. އިގުތިސާދީ އަދި އިޖުތިމާއީ ދާއިރާ އަށެވެ.
އިގުތިސާދީ ގޮތުން ބާރުވެރިކުރުމަށް ފޮނަދޫ ލޯކަލް އޮތޯރިޓީ ކޮންޕެނީ އުފައްދައި، އޭގެ ދަށުން ބޮޓަލިން ޕްލާންޓް އަދި ޒަމާނީ ދަނޑުވެރިކަން ކުރުމަށް ވަސީލަތް ފޯރުކޮށްދީ، ފޮނަދޫގެ އުފެއްދުންތައް މާކެޓްކޮށް، ހަމައަގު ހޯދުންވަނީ މެނިފެސްޓޯގައި ހިމެނިފައެވެ. އޭގެއިތުރުން 18 އަހަރުން މަތީ ކޮންމެ ފަރުދަކަށް ބައިވެރިވޭ ގޮތަށް ހުޅުވާލާ ހައުންސިން ސުކީމް ރާވާފައިވަނީ ރަށުގެ އިރުމަތީ ފަރާތުން ހާއްސަ ކުރެވޭ ގެސްޓްހައުސް ޒޯން މަސައްކަތާއެކު ކުރިއަށް ގެންދިއުމަށް ވިސްނައިގެންނެވެ.
ރަށުގެ ގިނަ ބެލެނެވެރިންގެ އުއްމީދުކަމުގައިވާ ދަރިވަރުންނާއި ބެލެނެވެރިންގެ ހިޔާ އިމާރާތް ކުރުމާއި، ތައުލީމަށް ރަށުގެ އާއްމުދަނީގެ 20 އިންސައްތަ ހާއްސަކުރުމަކީ އިޖުތިމާއީ ވިސްނުމުގެ ބައެކެވެ. ރަށުގެ ޒުވާން ޖީލަށް ވިސްނާ ވިސްނުމުގެ ދަށުން، ކުޑަކުދިންނަށް ތަނަވަސްކުރާ ފުރުސަތުތަކަށް ކޮންމެހެންވެސް ވިސްނަން ޖެހޭކަމަށް ސާމިން ގަބޫލުކުރެއެވެ. ހާއްސަކޮށް ސްކްރީނަށް ދޭ ސަމާލުކަން ކުޑަކުރުމަށް ވިސްނަން ޖެހެއެވެ. އެ ސިޔާސަތުގެ ދަށުން ކުދިންނަށް ޝައުގުވެރިކުރުވާނެ ގޮތަކަށް ސުކޭޓް ޕާކް، އިންޑޯ ކިޑްސް ޕުލޭޕާކް އަދި ސުވިމިން ޓުރެކާއި ވޯޓާ ޕާކް އެޅުމަށް މެނިފެސްޓޯގައިވަނީ ހިމަނާފައެވެ.
އެ ޖީލަށް އެކަނި ސަމާލުކަން ދީ ފޮނަދޫގެ މައްސަލަތަކަށް ހައްލު ހޯދޭކަށް ނެތެވެ. ޒުވާނުންގެ އާންމު ހާލަތު ރަނގަޅު ކުރުން ލާޒިމު ކަމަށް ސާމިން ގަބޫލުކުރެއެވެ. ހާއްސަކޮށް މަސައްކަތްތެރި، ހިންގުންތެރި ޒުވާނުން ބިނާކުރުމަށް ކައުންސިލުގެ ވިސްނުން ގެންގުޅުން މުހިއްމު ކަމަށް ސާމިން ދެކެއެވެ. އެގޮތުން ކެރިއާ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމާއެކު، ވަޒީފާގެ ބާޒާރަށް ޒުވާނުން އަހުލުވެރިކުރުމަށާއި އިޖުތިމާއީ މަސައްކަތަށް ލޯބި ޖެއްސުމަށް ޓުރޭންނިގް ޕުރޮގުރާމްތައް ހިންގަން މެނިފެސްޓޯގައި ވަނީ ހިމެނިފައެވެ.
ހަމައެއާއެކު ކައުންސިލް ހިންގުން ޒަމާނީ ކުރުމުގެ އަޒުމުގައި ކައުންސިލުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ އަޒުމާއެކު ރަށު ޕޯޓަލް ގާއިމުކުރުމަށް މެނިފެސްޓޯގައި ހިމެނިފައިވެއެވެ. އެގޮތުން ކައުންސިލަށް ހުށައަޅާ ކަންކަމަށް، 48 ގަޑި އިރުތެރޭގައި ޕޯޓަލް މެދުވެރިކޮށް ޖަވާބު ދިނުމަށް ހިމެނިފައިވާތީ ގިނަ ބައެއްގެ ޝައުޤުވެރިކަން ސާމިންގެ މެނިފެސްޓޯއަށް ލިބިފައިވެއެވެ.




