ލ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް މަޝްވަރާކޮށްފި

ހައްދުންމަތީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ހައްދުންމައްޗަށް ވަޑައިގެން މަޝްވަރާ ކުރައްވައިފި އެވެ.
ވަޒީރު ޑރ. އާއިޝަތު ޝިހާމް ވަނީ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ލ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ވަޑައިގެން، އެ ތަނުގެ ހާލަތު ބައްލަވާފަ އެވެ. ވަޒީރުގެ އިތުރުން އެ ވުޒާރާގެ އިސްވެރިން ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ އެ ވުޒާރާގެ ދަށުން ލ. އަތޮޅުގައި ކުރަމުންދާ މަސައްކަތްތައް ބައްލަވައިލެއްވުމާއި، ފޮނަދޫގައި ”އުފާ ޕްރޮގްރާމް“ އިފްތިތާޙް ކުރުމެވެ.
ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަޒީރުގެ ޓީމުން ވަނީ، ތަން ހިންގުމުގައި މުވައްޒަފުންނަށް ހުރި ދަތިތައް އޮޅުންފިލުވާފަ އެވެ. މީގެއިތުރުން، ހިންގުން އިތުރަށް ފުރިހަމަ ކުރުމަށް ކުރެވެން ހުރި ކަންކަމާއި، ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާމެދު ވަނީ މަޝްވަރާކޮށްފަ އެވެ.
މި ދަތުރުފުޅުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓީމުން ވަނީ ލ. އަތޮޅުގެ އެހެނިހެން މުވައްސަސާތަކާވެސް ބައްދަލުކުރައްވާފަ އެވެ.