އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލ.އަތޮޅުގެ ބައެއް މުވައްސަސާތަކާ ބައްދަލުކުރައްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހައްދުންމަތީގެ ބައެއް މުވައްސަސާތަކާ ބައްދަލުކުރައްވައިފި އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް އާއި އެ ވުޒާރާގެ އިސްވެރިން ލ.އަތޮޅުގެ މުވައްސަސާތަކާ ބައްދަލުކުރައްވާފައިވަނީ އެ ޓީމުން ލ.އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގަ އެވެ. އެ ވުޒާރާއިން ވަނީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު، ލ. ފުލުހުން، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ، ލ. ފޮނަދޫ ސިއްޙީ މަރުކަޒު، އަތޮޅު ތަޢުލީމީ މަރުކަޒު، ފޮނަދޫ ކައުންސިލް، ފޮނަދޫ އ.ތ.މ ކޮމިޓީ، އަތޮޅު ކައުންސިލް، ގަމު ކައުންސިލް އަދި ގަމު އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުންތަކުގައި އެ ވުޒާރާއިން ވަނީ އަތޮޅުގެ އިޖުތިމާޢީ ހާލަތާއި ތަރައްޤީއާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަތޮޅު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ލ. އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އުމްރާނީ އަދި އިޤުތިޞާދީ މަޝްރޫޢުތަކުން އުފެދޭނެ ވަޒީފާގެ ފުރުޞަތުތަކަށް ތައްޔާރުވުމުގެ ގޮތުން ހުނަރުވެރި ޖީލެއް ބިނާކުރުމާމެދު އެވެ.
ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި، އިސްރަށްވެހިންނާއި، އަންހެނުން އަދި މުޖުތަމަޢުގައި އެކަހެރިވެފައިވާ ފަރާތްތައް އެންމެހާ ކަންކަމުގައި ބައިވެރިކޮށް، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. މީގެއިތުރުން، އަލަށް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވާ ”އުފާ ޕްރޮގްރާމް“ ކުރިޔަށް ގެންދާނެ ގޮތާމެދުވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
މި ދަތުރުފުޅުގެ ބޭނުމަކީ އެ ވުޒާރާގެ ދަށުން ލ. އަތޮޅުގައި ކުރަމުންދާ މަސައްކަތްތައް ބައްލަވައިލެއްވުމާއި، ފޮނަދޫގައި ”އުފާ ޕްރޮގްރާމް“ އިފްތިތާޙް ކުރުމެވެ.