ކުޑަކުދިން އަނިޔާއިން ރައްކާާތެރި ކުރުމަށް ކުރެވިދާނެ ކަންތައްތައް!

ކުޑަކުދިން އަނިޔާއިން ރައްކާތެރި ކުރެވޭނީ ކުޑަކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދައި ދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށް ދެކިގެން އެ ގޮތަށް މަސައްކަތް ކުރުމުންނެވެ.
އަނިޔާއިން ރައްކާތެރި ކުރުމުގެ ގޮތުން ކުޑަކުއްޖާއާ ބެލެނިވެރިޔާއާ ވަރަށް ގާތް ގުޅުމެއް އުފައްދަން ޖެހެއެވެ. އެ ގޮތުން ކުއްޖާއާއެކު ގިނަ ވަގުތު ހޭދަކޮށް ކުއްޖާ ދައްކާ ވާހަކަ އަޑުއަހަންޖެހެއެވެ. އަދި ބެލެނިވެރިޔާ އަކީ ކުއްޖާއަށް އިތުބާރު ކުރެވޭ މީހެއް ކަމާއި ކުއްޖާ އަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ކުއްޖާއަށް ދޭން ޖެހެއެވެ. ކުއްޖާއަށް ދިމާވާ ކަންކަން ބެލެނިވެރިޔާ އާ ޙިއްސާކުރަން ކެރޭނީ އޭރުންނެވެ.
ކުއްޖާގެ އުމުރާ ގުޅޭ ގޮތަށް އަނިޔާ އާ ގުޅޭ މަޢުލޫމާތު ދިނުމަކީ ވެސް އަނިޔާ އިން ކުއްޖާ ރައްކާާތެރި ކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން އަނިޔާއަކީ ކޮބައި ކަމާ މީހަކު އަނިޔާއެެއް ކޮށްފި ނަމަ ދެން އަމަލު ކުރަންވީ ގޮތް ކުއްޖާއަށް ކިޔައިދީ ހަނދާންކޮށް ދިނުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. އަދި ނޫނެކޭ ބުނަން ޖެހޭ ޙާލަތްތަކުގައި ނޫނެކޭ ބުނަން ވެސް ކުއްޖާއަށް ދަސްކޮށްދޭން ޖެހެއެވެ.
މީގެ އިތުރުން ކުއްޖާ ވަށައިގެން ދިރިއުޅޭ މީހުންގެ އަމަލުތައް ބަލައި ފާރަވެރިވެ، އެއްވެސް ޝައްކެއް އުފެދޭ ކަމެއް ހިނގާ ނަމަ، އެ މީހަކާ ކުއްޖާ ދުރު ކުރުމަކީ ވެސް، އަނިޔާއިން ކުއްޖާ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަމެކެވެ. ކުޑަކުދިން އަނިޔާއިން ރައްކާތެރި ކުރެވޭނީ ބެލެނިވެރިޔާ ވެސް އަނިޔާ އާ މެދު ހޭލުންތެރިވެގެނެވެ. އެހެން ކަމުން މި ފަދަ ކަންކަމަށް ބެލެނިވެރިޔާ ހޭލުންތެރިވުން އެންމެ އިސް ކަމަކަށް ހެދުން މުހިއްމެވެ.