ގަމުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް

ހައްދުންމަތީ ގަމު ކައުންސިލާއި، ގަމުގައި ހުރި މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ހުކުރު ދުވަހު ހަވީރު ތުނޑީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ކުޑަކުދިންގެ ހަވީރު ހުށަހަޅާފައިވަނީ ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ޖަމިއްޔާގެ ފަރާތުންނެވެ. މި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ވަނީ ބައިވެރިވެފަ އެވެ. އަދި މި ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނަށްވެސް، އެ މާހައުލު ވެފައިވަނީ ހިތްގައިމު، މަޖާ މާހައުލަކަ ށެވެ.
މި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުން ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ. އެގޮތުން، ގަމު ކައުންސިލް، ލާމު ފުލުހުން، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ، ގަމު ރީޖަނަލް ހޮސްޕިޓަލް، އެމްއެންޔޫ ގަމު ކެމްޕަސް، ސްޓަރ ޖަމިއްޔާ، ރަސްހިންނެ އެސް.ސީ، ބީއިން އެންކަރޭޖިން ސޮސައިޓީ ފޯރ ތުނޑި އަދި އެޓޯލް ބާސްކެޓްބޯލް އެކެޑަމީގެ ފަރާތުން ވަނީ ސްޓޯލްތައް ތައްޔާރުކޮށްފަ އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ބޭއްވުނު މި ހަރަކާތް އިތުރަށް ޚާއްސަ ވެގެން ދިޔައީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ސްޓޯލް އެއް ތައްޔާރުކޮށްފައި ވުމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑު ފޮއްޓެއް ބެހެއްޓުން އެއީވެސް މި ހަރަކާތް އިތުރަށް ފުރިހަމަ ވުމުގެ ތެރޭގައި ހިމެނުނު ކަމެކެވެ. މި ދެ ހަރަކާތަކީވެސް ސްޓަރ ގެ ފަރާތުން ހިންގުނު ދެ ހަރަކާތެވެ.
އިވެންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓަރ ޖަމިއްޔާގެ ރައީސް ޙުސައިން މަމްދޫޙު ވިދާޅުވީ މޫސުމީ ދަތިތަކާއެކުވެސް އިވެންޓު ވަރަށް ކާމިޔާބު ކަމަށާއި، ކުރިޔަށް ދިޔަ ގޮތާމެދު ވަރަށް ހިތްހަމަ ޖެހޭކަމަ ށެވެ. މީގެއިތުރުން މަމްދޫޙު ވަނީ ކައުންސިލާއި އެހެނިހެން ބައިވެރިން ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ، އެ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.