ރާއްޖޭގެ އެންމެ އުތުރު ހަތަރު އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކަށް ހުދު ސަމާލު ނެރެފި!

ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހަތަރު އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޢާންމުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ފުރަތަމަ ހުދު ސަމާލު ނެރުނީ މ އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނަށެވެ. މިއަދު 13:15 އިން 18:00އަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް ގަޑިއަކު 35މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ލިޔުމުގައި ވެއެވެ. މި ހުދު ސަމާލަށް އެއް ގަޑިއިރު ވީ ފަހުން ރ އަތޮޅުން ފެށިގެން މ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ނެރުނު މި ހުދު ސަމާލުގެ މުއްދަތަކީ މިއަދު 15:00އިން މިރޭ 21:00އަށެވެ.
ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން މި މަހު 9 ވަނަ ދުވަހު ފެށިފައިވާ ކަމަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މީގެ ދެ ދުވަސް ކުރިން ވަނީ އިޢުލާންކޮށްފައެވެ.