އަބަދުވެސް ތަގްވާވެރި ޞާލިޙް ރަގަޅު މީހުންނާއި އެކުގައި އުޅުމަށް މަސައްކަތް ކުރަންވާނެ
އަބަދުވެސް ތަގްވާވެރި ޞާލިޙް ރަގަޅު މީހުންނާއި އެކުގައި އުޅުމަށް މަސައްކަތް ކުރަންވާނެއެވެ. އެމީހެއްގެ ކިބާގައި ދީންވެރިކަމެއް އަމާނާތްތެރި ކަމެއް ނެތް މީހުންނާއި އެކުގައި އުޅެގެން ނުވާނެއެވެ. ސަބަބަކީ އެކުގައި އުޅޭ މީހުންގެ ފަރާތުން ބޮޑު އަޘަރެއް މީހާ އަށް ކުރާނެތީވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ) ރަވާހު އަބޫދާވޫދަ ވައްތިރްމިޛީ. މާނައަކީ: “މީހާ ވާހުށީ އޭނާގެ އެންމެ އެކުއުޅޭ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. މީހެއްގެ ގޮތް ބަލަންވެއްޖެނަމަ އެމީހަކާ އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް ބަލާށެވެ.”
ރަގަޅު ޞާލިޙް ރަޙްމަތްތެރިންނާއި ނުރަގަޅު ނުބައި ރަޙްމަތްތެރިންގެ ތަފާތު ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنِّمَا مَثَلُ الْجَلِيسِ الصَّالِحِ وَجَلِيسِ السُّوءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ , فَحَامِلُ الْمِسْكِ إِمَّا أَنْ يَحْذِيَكَ وَإِمَّا أَنْ تَبْتَاعَ مِنْهُ وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً , وَنَافِخُ الْكِيرِ إِمَّا أَنْ يَحْرِقَ ثَيَابَكَ وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً) ރަވާހުލް ބުޚާރީ ވަމުސްލިމް.
މާނައަކީ: “ހެޔޮލަފާ ޞާލިޙް ރަޙްމަތްތެރިޔަކާއި ނުރަގަޅު ރަޙްމަތްތެރިޔެއްގެ މިޘާލަކީ ޢަޠަރު ވިއްކާ މީހަކާއި އަލިފާން ރޯކުރާ މީހެއްގެ މިޘާލެވެ. ޢަޠަރު ވިއްކާ މީހާ އަތުން ބައެއް ފަހަރަށް ޢަޠަރުކޮޅެއް ހަދިޔާ އަކަށް ލިބިދާނެއެވެ. ނޫންނަމަ ގަންނަންވެސް ލިބިދާނެއެވެ. ނޫންނަމަ އޭނާގެ ކިބައިން މީރުވަހެއް ދުވާފާނެއެވެ. އަލިފާން ރޯކުރާ މީހާގެ ފަރާތުން ފަހަރުގައި ތިބާގެ ހެދުން ރޯވެދާނެއެވެ. ނޫންނަމަ އެމީހެއްގެ ކިބައިން ދުވާނީ ނުބައިވަހެވެ.”
ޞާލިޙް ތަގްވާވެރި މީހުން އެކު އުޅޭ މީހުން ކަމުގައި ހެދުމަށް ބާރު އަޅުއްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا تُصَاحِبْ إِلَّا مُؤْمِنًا ، وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ) ރަވާހުއް ތިރްމިޛީ. މާނައަކީ: “މުއިމިނަކު މެނުވީ އެކުއުޅޭ މީހަކު ކަމުގައި ނުހަދާށެވެ. އަދި ތަގްވާރިޔަކު މެނުވީ ތިބާ އާއި އެކު ކައިބޮއި ނުހަދާށެވެ.”
ﷲ ގެ އާޔަތްތަކަށް ބަދަލުގެނެސް އެޔަށް ފުރައްސާރަ ކުރާ މީހުންނާއި އެކު ނުއިށީނުމަށް އަންގަވާ ސޫރަތުލް އަންޢާމްގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ) މާނައަކީ: ” ތިމަންރަސްކަލާނގެ آية ތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި شيطان އާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!”
އެހެންކަމުން، އަބަދުވެސް ބަލަންވާނީ ހެޔޮވާހަކަ ދައްކާ މަޖްލިސްތަކުގައި ބައިވެރި ވެވޭތޯއެވެ. އަދި އެފަދަ މަޖްލިސްތަކުން ފައިދާ ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ.
މަޝްދަރު: ޑރ އިޔާޟް އަބުދުއްލަތީފް