15 ޓީމާއެކު ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު މި މަހު 25 ގައި ފަށަނީ

ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރަތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި 15 ޓީމު ބައިވެރިވެއްޖެ އެވެ.
ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މި މުބާރަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 25 ގައެވެ. މުޅި އަތޮޅަށް ހުޅުވާލާފައިވާ މި މުބާރާތް ކުރިޔަށް ދާނީ ލ. ފޮނަދޫގަ އެވެ.
މި މުބާރާތަކީ ލ. އަތޮޅަށް ޚާއްސަ މުބާރާތެއް ކަމުން، ޓީމުތަކުގައި ހިމެނޭނީ ލ. އަތޮޅުގެ ކުޅުންތެރިންނެވެ. ނަމަވެސް، މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން، ކޮންމެ ޓީމެއްގައި އަތޮޅުން ބޭރު ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވަނީ ދީފައެވެ.
މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ޓީމު ހަދާފައިވަނީ ގަމުންނެވެ. އެގޮތުން، ގަމުން ބައިވެރިވެފައިވާ ޓީމު ތަކަކީ، އަމިގޯސް ސްޕޯޓްސް ކްލަބު، ފޮއެމަތި ސްޕޯޓްސް ކްލަބު، ރަސްހިންނަ ސްޕޯޓްސް ކްލަބު، ރަސްހިންނަ ފުޓްބޯލް ކްލަބު، ކިންގްސް އެސްސީ، ބެސްޓް ބޯއީޒް، އައުޓްރީފް އެސްސީ އަދި ޔުނައިޓެޑް އައުޓްރީފް އެވެ.
މުބާރާތުގައި ފޮނަދޫން ބައިވެރިވި ޓީމު ތަކަކީ ސޭންޑްސް އޮފް ލާމު، ކިއުއެމް ސްޕޯޓްސް ކްލަބު، ވައްޓަފާޅި ސްޕޯޓްސް ކްލަބު އަދި އަފޭން އެވެ. މީގެއިތުރުން، ހިތަދޫގެ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ސީޖީއެސްސީ) އާއި ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ބީޖީއެސްސީ) އިން ބައިވެރިވެފައިވާއިރު، މުންޑޫ އިން މުންޑޫ ޒުވާނުންގެ ޖަމިއްޔާ ވަނީ ބައިވެރިވެފަ އެވެ.
މިއަހަރުގެ މުބާރާތުގައިވެސް ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ގޯޅި ސްޕޯޓްސް ކްލަބެވެ.