އިސްދޫ ކައުންސިލުން ކާދު އުފައްދަން ފަށައިފި.

ރައްކާތެރި ގޮތުގައި ކުނިމެނޭޖު ކުރުމުގެ މަޤްޞަދުގައި އިސްދޫ ކައުންސިލުން، ކުނި ބޭނުން ކޮށްގެން ކާދު އުފައްދަން ފަށައިފިއެވެ.
ކުނިވާ ޒާތުގެ ކުންޏާއި، މޫދުވިނަ އަދި ގަހުގެ ފަތް ބޭނުން ކޮށްގެން ކާދު އުފައްދަން ފެށީ، ކުނިކޮށީގެ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ކަމަށް އިސްދޫ ކައުންސިލުން ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގައި ޙަރަކާތްތެރި ވަނީ ކުނިކޮށީގެ މުވައްޒަފުން ކަމަށާއި މި މަސައްކަތް ކުރަނީ ކުނިކޮށި ސަރަޙައްދުގައި ކަމަށް ވެސް އިސްދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ކާދަކީ ތިމާވެއްޓާއި ރައްޓެހި ގަސްކާނާއަކަށް ވާއިރު އިސްދޫ ފަދަ ދަނޑުވެރި ރަށަކަށް މިއީ ރަނގަޅު ނަފާއެއް ލިބޭނެ މަސައްކަތެކެވެ. އެގޮތުން ކާދު އުފައްދައިގެން އެއިން ވިޔަފާރި، ދާދި އަވަހަށް ކުރެވޭނެ ކަމަށް އުއްމީދު ކުރާކަމަށް ވެސް އިސްދޫ ކައުންސިލުން ވިދާޅުވިއެވެ.
ކުނި މަދު ކުރުމާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް އެކި ރަށްރަށުން އަންނަނީ ތަފާތު އެކި މަސައްކަތް ކުރަމުންނެވެ.