ޑުންގާ ކޯޗާއެކު އެޕެކްސް އެކަޑަމީގެ ކޯޗިންގ ކްލިނިކް ފަށައިފި

ތަޖުރިބާކާރު ކޯޗު އަހުމަދު ޝަރީފު (ޑުންގާ) އާއެކު ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީގެ ކޯޗިންގ ކްލިނިކް ފަށައިފި އެވެ.
ގަމު ކައުންސިލްގެ އެއްބާރުލުމާއެކު ކުރިޔަށްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމް ފަށާފައިވަނީ ބުދަ ދުވަހު އެވެ. މި ކްލިނިކަކީ އޭއެފްސީ/ފީފާ ގްރާސްރޫޓް އަދި އެލައިޓް ކޯޗިންގ ލެވެލްގެ ކޯހެކެވެ.
ޖުމްލަ 10 ފަރާތަކުން މި ކްލިނިކްގައި ބައިވެރިވެފައިވާއިރު، ސެޝަންތައް ކުރިޔަށް ގެންދަނީ ގަމުގައި ހުންނަ އިހައްދޫ ސްކޫލާއި ގަމު ޒޯން ސްޓޭޑިއަމް ގައެވެ. އިހައްދޫ ސްކޫލުގައި ތިއަރީ ކްލާސްތައް ކުރިޔަށް ގެންދާއިރު، ޕްރެކްޓިކަލް ސެޝަންތައް ކުރިޔަށް ގެންދަނީ ސްޓޭޑިއަމް ގައެވެ.
15 މެއި އިން ފެށިގެން 25 މެއި ގެ ނިޔަލަށް ސެޝަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، 25 ވަނަ ދުވަހުގެރޭ މި ކްލިނިކް ނިންމުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.
ޑުންގާ ކޯޗުގެ އިރުޝާދާއެކު ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީގެ ކުޅުންތެރިންނަށްވެސް ޚާއްސަ ސެޝަންތަކެއް ކުރިޔަށް ގެންދެއެވެ.