ހިތަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް: ފައިނަލުގެ ދެވަނަ ޖާގަ ޓީމް އެޗްއެޗްސީ އަށް

ހިތަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ޓީމް އެޗްއެޗްސީ އިން ހޯދައިފި އެވެ.
ޓީމް އެޗްއެޗްސީ އިން ފައިނަލަށް ދަތުރު ކޮށްފައިވަނީ ރޭ ސީދާ ތިން ސެޓުން ފެކްޝަން ޗެލެންޖު ބަލިކުރުމަށްފަހު އެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-9، 25-10 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް އެޗްއެޗްސީގެ މަރިޔަމް އަޒީފާ އެވެ.
ރޭގެ ދެވަނަ މެޗަށް ބަލާއިރު، ފެކްޝަން އެސްސީ އިން ވަނީ ސީދާ ތިން ސެޓުން ޓީމް އެޗްސީ ކަނބަލުން ބަލިކޮށްފަ އެވެ. ފެކްޝަން އެސްސީ އިން ސެޓުތައް ކާމިޔާބުކުރީ 25-8، 25-6 އަދި 25-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިރްމާނީ ސޮލުންޗާނާ އެވެ. އެ ޓީމުން ކުޅުނު ތިން މެޗުގެ ވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިރްމާނީ އެވެ.
ފުރަތަމަ ބުރުގެ ހުރިހާ މެޗެއް ނިމުނުއިރު، އެއްވަނައިގައި ފެކްޝަން އެސްސީ އޮތީ ނުވަ ޕޮއިންޓާއެކު އެވެ. ޓީމް އެޗްއެޗްސީ އިން ހަ ޕޮއިންޓާއެކު ދެވަނަ ހޯދިއިރު، ފެކްޝަން ޗެލެންޖަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ފައިނަލުގައި ވާދަކުރާނީ ފެކްޝަން އެސްސީ އާއި ޓީމް އެޗްއެޗްސީ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ ގައެވެ. މި ދެ ޓީމު ކުރިން ކުޅުނު މެޗު، 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެކްޝަން އެސްސީ އެވެ.