ލ.ގަމުގައި ބާއްވާ އުރީދޫ ”ފަން ރަން“ގައި ރަޖިސްޓަރވުމަށް ހުޅުވާލައިފި

އަންނަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ލ.ގަމުގައި ލާމު ލިންކު ރޯޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ”ފަން ރަން“ ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
އުރީދޫ ފަންރަން -ލާމު އެޑިޝަން ގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ އަންނަ ޖޫން މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫ ”ފަން ރަން “ އަކީ ވަކި ވަގުތެއްގައި ނިންމަން ޖެހޭ ދުވުމެއް ނޫނެވެ. އެހެން ކަމުން ހިނގާފައި ވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫން ވިދާޅުވެއެވެ. މި ދުވުމަކީ މަޖާ ކުޅިވަރުތަކާއެކު ބާއްވާ ދުވުމެކެވެ. އެގޮތުން ކޮންމެ ކިލޯމީޓަރެެއް ނިމޭ ސަރަޙައްދުގައި ފެނާއި ކުލަޖެހުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވެވޭ ޢުމުރުފުރާ އަކީ ހަ އަހަރުން މައްޗެވެ.
މި ދުވުމަށް ޚާާއްސަކޮށްފައިވާ ޓީޝާޓު ވިއްކުމަށް ހަމަޖެހިފައި ވަނީ 100 ރުފިޔާ އަދި 200 ރުފިޔާ އަށެވެ. 100 ރުފިޔާ އަށް ގަންނަން ލިބޭ ޓީޝާޓާއެކު އަތުގައި އަޅާ ރަބަރު ބޭޭންޑެއް ލިބެއެވެ. އަދި 200 ރުފިޔާއަށް ލިބޭ ޓީޝަަޓާއެކު، އަތުގައި އަޅާ ރަބަރު ބޭންޑުގެ އިތުރުން އައިނަކާއި، ދަބަހެއް އަދި ބަންޑާނާ އެއް ލިބޭނެ ކަމަށް ވެސް އުރީދޫން ހާމަ ކުރައްވައެވެ.
އުރީދޫ ”ފަން ރަން“ މި އަހަރު ލާމުގައި ބޭއްވުމަށް އިޢުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައި ހުޅުމާލޭގައި ބޭއްވި ”ފަން ރަން“ގެ ތެރެއިންނެވެ. މި ދުވުމުގައި 5000 ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.