ހިތަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް: ސައްތަ އިން ސައްތަ ރެކޯޑަކާއެކު ފެކްޝަން އެސްސީ އިން ޗެމްޕިއަންކަން ހޯދައިފި

މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ހިތަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފެކްޝަން އެސްސީ އިން ހޯދައިފި އެވެ.
ފެކްޝަން އިން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ޓީމް އެޗްއެޗްސީ ބަލިކުރުމަށްފަހު އެވެ. ފެކްޝަން އިން ވަނީ ފުރަތަމަ ދެ ސެޓު 25-22 އަދި 25-20 އިން ކާމިޔާބުކޮށްފަ އެވެ.
ފެކްޝަން އިން ފުރަތަމަ ދެ ސެޓު ކާމިޔާބުކުރުމާއެކު، ޓީމް އެޗްއެޗްސީ އަށް ވަނީ ތިން ވަނަ ސެޓު ނެގުން މަޖުބޫރުވެފަ އެވެ. އެޗްއެޗްސީ އިން ވަނީ ކުޅުން ރަނގަޅުކޮށް، 25-23 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، ފެކްޝަން އިން ވަނީ 25-20 ގެ ސްކޯ އަކާއެކު ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެކްޝަންގެ އައިޝަތު މާޖިދާ އެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަން އެސްސީގެ ބިދޭސީ ކުޅުންތެރިޔާ، ނިރްމާނީ ސޮލުންޗާނާ އެވެ. އޭނާ ވަނީ ފުރަތަމަ ބުރު ކުޅުނު ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިރްމާނީގެ އިތުރުން އެ ޓީމުގެ މާޖިދާ އާއި ފާތިމަތު މަޒިއްޔާ އާއި ޓީމް އެޗްއެޗްސީގެ އައިޝަތު ޝަހާ ޝާމިން އާއި މައިޔަމް މިޒްނާ އަދި މަރިޔަމް އަޒީފާ އެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ހޮވިފައިވަނީ ޓީމް އެޗެއެޗްސީގެ އައިޝަތު ޔުމެއިނާ އެވެ. އެންމެ މޮޅު ކޯޗަކަށް ފެކްޝަން އެސްސީގެ މުހައްމަދު ޝިޔާޒް ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އެޗްސީ ކަނބަލުންގެ މަރިޔަމް ލުބާ އެވެ. މީގެއިތުރުން، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފެކްޝަން ޗެލެންޖް އެވެ.
މިއީ މި މުބާރާތުގެ ތިން ވަނަ އެޑިޝަނަށްވާއިރު، މިއަހަރުގެ މުބާރާތް އިންތިޒާމް ކޮށްފައިވަނީ އިންކް އެންޑް ޕިކްސެލްގެ ފަރާތުންނެވެ.