ލ. އަތޮޅުގައި ޓްރެއިނިން ރިސޯޓެއް ތަރައްޤީކުރަނީ

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީން ކުރުމަށް ޚާއްސަކޮށްގެން ޓްރެއިނިން ރިސޯޓެއް ލ. އަތޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްނެގުމާއެކު ޓްރެއިނިން ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށާއި އެ ރިޒޯޓް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުގައިކަމަށެވެ. އަދި ޓްރެއިނިން ރިސޯޓްގެ މަސައްކަތް ނިމުމުން ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުން ހުރި ދާއިރާތަކަށް މީހުން ތަމްރީން ކުރެވޭނެ އިންތިޒާމް ދިވެހިންނަށް ހަމަޖެހިގެން ދާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށްވެސް ފަތުރުވެރިކަމުގެ ސިނާޢަތުގައި ތަމްރީންވުމުގެ ފުރުޞަތު ރާއްޖެއިން ލިބޭނެކަމަށެވެ.
ސްޓޭޓް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ މަޤާމުތަކުގައި ދިވެހިން ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ލ. އަތޮޅުގައި މިވަގުތު ދެ ރިސޯޓު އޮތް އިރު، ކުރިޔަށް އޮތް ތަނުގައި އިތުރު ރިސޯޓުތައް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލް ވަނީ ވިދާޅުވެފައެވެ. ޓްރެއިނިން ރިސޯޓު ނިމުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނު ހޯދުމުގެ ފުރުސަތު ލ. އަތޮޅުގެ ގިނަ ބަޔަކަށް ލިބިގެންދާނެއެވެ.