ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ވައްޓަފާޅި އަތުން ރަސްހިންނެ އަށް ބޮޑު މޮޅެއް

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު 2024 ގެ ފުރަތަމަ މެޗުގައި ވައްޓަފާޅި ސްޕޯޓްސް ކްލަބް އަތުން ރަސްހިންނެ ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ރަސްހިންނެ އިން ވައްޓަފާޅިގެ މައްޗަށް ކުރިހޯދީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ހެޓްރިކް ހަދާފަ އެވެ. އެ ޓީމުގެ އަނެއް ތިން ގޯލު ޖެހީ ސާމިން މުހައްމަދު ނަސީރު އާއި އަބްދުﷲ ޖުނައިދު (ޖޭންނެ)ގެ އިތުރުން ހުސައިން އަޒްމީ އެވެ.
ރަސްހިންނެ އާއި ވައްޓަފާޅިގެ އިތުރުން ގުރޫޕު އޭ ގައި ހިމެނެނީ ސޭންޑްސް އޮފް ލާމު އާއި ކިޔުއެމް ސްޕޯޓްސް އެކަޑަމީ އެވެ.
މުބާރާތުގައި މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެ އެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކިންގް އެސްސީ އާއި އަފޭން އެވެ. ދެވަނަ މެޗުގައި ސޭންޑްސް އޮފް ލާމު އާއި ކިޔުއެމް އެކަޑަމީ ބައްދަލުކުރާއިރު، ތިން ވަނަ މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ނިކުންނާނީ ބީޖީއެސްސީ އާ ދެކޮޅަށެވެ. އަދި މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ބެސްޓް ބޯއީޒް އާއި ފޮއެމަތި ސްޕޯޓްސް ކްލަބެވެ.
މިއަހަރުގެ މުބާރާތުގެވެސް ޓައިޓަލް ސްޕޯންސަރަކީ ޕަސްކުއާލް އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.