މަޖިލީހުގެ ރައީިސަކަށް ފޮނަދޫ އަދުރޭ އިންތިޚާބުވެއްޖެ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ފޮނަދޫ ދާއިރާގެ މެމްބަރ ލ.ފޮނަދޫ އަރާއިރު ޢަބްދުއްރަހީމް ޢަބުދުﷲ އިންތިޚާބުވެއްޖެއެވެ.
މަޖިލީހުގެ ރައީސްގެ މަަޤާމަށް ޢަބްދުއްރަޙީމް އިންތިޚާބުވީ 93 މެމްބަރުންގެ ތެރެއިން 71 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. ޢަބްދުއްރަޙީމްއާ ވާދަ ކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލަށް ލިބުނީ 14 ވޯޓެވެ.
ޢަބްދުއްރަޙީމަކީ ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ކަމަށް ވާ ފީ.އެން.ސީގެ ބާނީއެވެ. އަދި މީގެ އިތުރުން ރައީީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ވެސް މެއެވެ. މީގެ އިތުރަށް މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމުން، މި ފަސް އަހަރު ލާމު އަތޮޅަށް ތަރައްޤީ އާއީ ކުރިއެރުން ލިބޭނެ ކަމަށް ލާމު އަތޮޅުގެ ރައްޔިތުން އުއްމީދު ކުރެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ލ.އަތޮޅުގެ ބޭފުޅަކު އިންތިޚާބުވި މިއީ ފުރަތަމަ ފަހަރު ކަމަށް ވުމުން ޢަބްދުއްރަޙީމާއި މެދު ލ.އަތޮޅުގެ ރައްޔިތުން ފަޚްރުވެރިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދަނީ ޝުޢޫރު ފާޅު ކުރަމުންނެވެ.
ޢަބްދުއްރަޙީމް މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރުމަށް، މިމަހުގެ 22 ވަނަ ދުވަހު މުލިއާގޭގައި ބޭއްވި ޕީ.އެން.ސީގެ ބައްދަލުވުމަކުން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީ.އެން.ސީގެ ރައީސް ޑރ.މުޙައްމަދު މުއިއްޒު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ޕީ.އެން.ސީ އިން މަޖިލީހަށް ހޮވި ވަޑައިގަތް މެންބަރުންނެވެ.
ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ޢަބްދުއްރަހީމް ކާމިޔާބު ކުރެއްވި މިއީ ތިން ވަނަ ފަހަރެވެ.