އެޕެކްސް އެކަޑަމީ އިން ކުރަނީ މުޖުތަމައުއަށް ވަރަށް ފައިދާ ހުރި މަސައްކަތެއް: ޑުންގާ

ހައްދުންމަތީ ގަމުގައި ކުރިޔަށް ގެންދާ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އަކީ މުޖުތަމައުއަށް ވަރަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާ އެކަޑަމީއެއް ކަމަށް، ތަޖުރިބާކާރު ކޯޗު އަހުމަދު ޝަރީފު (ޑުންގާ) ބުނެފި އެވެ.
ޑުންގާ މިހެން ބުނީ، އެޕެކްސް އެކަޑަމީ ފަރާތުން ކުރިޔަށް ގެންދިޔަ ”ލަސާ ކިޑްސް ފުޓުބޯޅަ ފެސްޓިވަލް“ ނިންމާލުމަށްފަހު ލާމު އެމްވީ އަށް ދިން އިންޓަވިއުގަ އެވެ. އޭނާ ބުނީ، އެޕެކްސް އެކަޑަމީ އަކީ ވަރަށް ގަޔާވެގެން، ކުރާހިތުން މަސައްކަތްކުރާ ޒުވާނުންތަކެއް އުޅޭ އެކަޑަމީ އެއް ކަމަށެވެ. އަދި، އެ މަސައްކަތަކީ މުޖުތަމައުއަށް ވަރަށް ފައިދާ ހުރި މަސައްކަތެއް ކަމަށެވެ. ޑުންގާ އިތުރަށް ބުނީ، އެޕެކެސް އެކަޑަމީ އަކީ ހީކުރިވަރަށްވުރެވެސް ފުޅާކޮށް ހިންގާ އެކަޑަމީ އެއް ކަމަށެވެ.
އެކަޑަމީގައި އުޅޭ ކުދިންގެ ހުނަރާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑުންގާ ބުނީ، އުމުރާ ބަލައި ވަރަށް ހުނަރުވެރި ކުދިން ތިބި ކަމަށެވެ. އަދި މިގޮތުގައި ހިހަހައްޓާލެވިއްޖެއްޔާ އެކުދިންގެ މުސްތަގުބަލު ވަރަށް ”ބްރައިޓް“ ކަމަށް ބުންޏެވެ.
ޑުންގާ ބުނީ، ހަމައެކަނި އެކަޑަމީ އިން ކުރާ މަސައްކަތުން އެންމެ ފުރިހަމަ ނަތީޖާ ނުނެރެވޭނެ ކަމަށެވެ. އެގޮތުން، އެންމެ ރަނގަޅު ގޮތުގައި ހިންގުމަށް ސްޓޭކްހޯލްޑާސްގެ އެއްބާރުލުން މިޔަށްވުރެ ބޮޑަށް ބޭނުންވާ ކަމަށް ބުންޏެވެ. އޭގެތެރޭގައި، ކައުންސިލް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، އަހަރަކު 1 ނުވަތަ 2 މުބާރާތް ބާއްވަން ޖެހޭކަން ފާހަގަކުރި އެވެ. އަދި ސްޓޭކްހޯލްޑާސްގެ އެއްބާރުލުން ފުރިހަމައަށް ލިބޭނަމަ، މުޅި ރާއްޖޭގެ ފުޓުބޯޅައަށްވެސް ފައިދާ ކުރާނެ ކަމަށް ބުންޏެވެ.
އެޕެކްސް އެކަޑަމީ އިން ވަނީ ދާދި ފަހުން ޑުންގާ ކޯޗުގެ އިރުޝާދާއެކު ކޯޗިން ކްލިނިކެއް ބާއްވާފަ އެވެ. 10 ފަރާތަކުން ވަނީ މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.