ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ދަގަނޑޭގެ ހެޓްރިކާ އެކު، ޔުނައިޓެޑް އައުޓްރީފުން އަމިގޯސް ހުއްޓުވައިފި

މިހާރު ކުރިޔަށްދާ ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު 2024 ގައި އަލީ އަޝްފާޤް (ދަގަނޑޭ) ގެ ހެޓްރިކާއެކު، ޔުނައިޓެޑް އައުޓްރީފުން އަމިގޯސް ސްޕޯޓްސް ކްލަބް ހުއްޓުވައިފި އެވެ.
މިއަދު ހަވީރު ކުޅުނު ގުރޫޕު ”ބީ“ ގެ މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދާފައިވަނީ އަމިގޯސް އިންނެވެ. އެއީ އައުޓްރީފްގެ އިބްރާހިމް ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، އަމިގޯސް އަށް ލީޑު ފުޅާކޮށްދިނީ ޒަޔާން އިބްރާހިމް ޚަލީލް އެވެ.
އަމިގޯސް އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ދަގަނޑޭ ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން، އަމިގޯސް އިން ވަނީ އަނެއްކާވެސް ގޯލެއް ޖަހައި، ލީޑު ނަގާފަ އެވެ. އަމިގޯސްގެ ތިންވަނަ ގޯލު ޖެހީ މުހައްމަދު އާރިފް (ކުޑޫ) އެވެ.
އަމިގޯސް އަށް އިތުރު މައްސަލަތަކެއް ދިމާވީ، ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ފަސް ފައުލް ހަމަވުމުންނެވެ. އޭގެ ފައިދާ ނަގައި، ދަގަނޑޭ ވަނީ ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށް، އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ ފަހު މިނެޓުގައި އައުޓްރީފަށް ވަނީ އިތުރު ދުރު ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް، ދަގަނޑޭ ޖެހި ދެވަނަ ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗުގައި ޖެހި ތިން ގޯލާއެކު، މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަގަނޑޭ އެވެ.
ތިން ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައި އޮތީ ކިންގް ސްޕޯޓްސް ކްލަބެވެ. ކިންގާއި ޔުނައިޓެޑް އައުޓްރީފް ބައްދަލުކުރާ މެޗު، ހުކުރު ދުވަހު ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.