ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ފޮއެމަތި ކުއާޓާ އަށް، އަމިގޯސް އާއި އަފޭންގެ ކުރިމަތިލުން ހަމަހަމަ

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި ޖީޖީއެސްސީ ބަލިކުރުމަށްފަހު، ފޮއެމަތި ސްޕޯޓްސް ކްލަބުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު ގުރޫޕު ”ސީ“ ގެ މި މެޗުން ފޮއެމަތި މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ޖީޖީއެސްސީ އިންނެވެ. އެ ޓީމަށް ގޯލު ޖަހައިދިނީ އަހުމަދު އަލްތާފް އެވެ.
ފޮއެމަތި މޮޅުވީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެނެވެ. އެ ޓީމުގެ މުހައްމަދު ސާދު ނިޒާރު އާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވަނީ ދެ ގޯލު ހޯދާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސާދު އެވެ.
މި މޮޅާއެކު، ފޮއެމައްޗަށް ވަނީ ހަތް ޕޮއިންޓު ލިބިފަ އެވެ. ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތީ އައުޓްރީފް ސްޕޯޓްސް ކްލަބެވެ. މި ގުރޫޕުގެ އެއްވަނަ އާއި ދެވަނަ ކަށަވަރުވެގެންދާނީ އާދީއްތަ ދުވަހުގެރޭ އައުޓްރީފް އެސްސީ އާއި ބެސްޓް ބޯއީޒް ބައްދަލުކުރާ މެޗަށްފަހު އެވެ.
ހޮނިހިރު ދުވަހުގެރޭ އަމިގޯސް ސްޕޯޓްސް ކްލަބް އާއި އަފޭން ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ. އަފޭންގެ އާދަމް ވަޖީހު (ވަޖީ) ގޯލެއް ޖަހާފައިވަނިކޮށް، އަމިގޯސް އިން ވަނީ ފަހަތުން އަރާ ދެ ގޯލު ޖަހައި، ލީޑު ނަގާފަ އެވެ. އަމިގޯސްގެ ގޯލުތައް ޖެހީ މުހައްމަދު ޖިނާހު (ޖިނައްޕެ) އާއި އަލީ ނާސިހު އެވެ. އޭގެފަހުން، މެޗުގެ ފަހު މިނެޓުގައި އަފޭންނަށް ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވަޖީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ވަޖީ އެވެ.
މި ގުރޫޕުގެ ހުރިހާ ޓީމަކަށްވެސް ކުއާޓާ އަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. ހަތަރު ޕޮއިންޓާއެކު މިވަގުތު އެއްވަނައިގައި އޮތީ ޔުނައިޓެޑް އައުޓްރީފް އެވެ. ކިންގް ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓު ލިބިފައިވާއިރު އަމިގޯސް އަށް ވަނީ ދެ ޕޮއިންޓު ލިބިފަ އެވެ. އަދި އަފޭންނަށް ވަނީ އެއް ޕޮއިންޓު ލިބިފަ އެވެ.
އާދީއްތަ ދުވަހު މި ގުރޫޕުގެ ފަހު މެޗުތައް ކުޅޭނެ އެވެ. އެގޮތުން، އަމިގޯސް އިން ކިންގް އެސްސީ އާ ދެކޮޅަށް ނިކުންނައިރު، އަފޭން ބައްދަލުކުރަނީ ޔުނައިޓެޑް އައުޓްރީފް އާއެވެ.