ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބާއްވާ ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ، ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކްލަބް/ޖަމިއްޔާތަކުގެ ތެރެއިން، ލ. އަތޮޅަށް ނިސްބަތްވާ ކްލަބް/ޖަމިއްޔާ ތަކަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހު 13 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި މަހު 4 ވަނަ ދުވަހުގެ 14:00 އެވެ.
މި މުބާރާތުގައި ކުޅެވޭނީ، މި އަހަރުގެ ޖަނަވަރީ މަހު 1 ވަނަ ދުވަހުގެ ކުރިން، ލ.އަތޮޅުގެ ރަށެއްގެ ރަށްވެހީންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ލ. އަތޮޅުގެ ރަށްވެހީންނަށާއި ލ. އަތޮޅުގެ ރަށެއްގެ ރަށްވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ލ. އަތޮޅުން ބޭރު ދިވެހީންނަށެވެ. މީގެއިތުރުން، އަތޮޅުން ބޭރު ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް ލިބޭނެ އެވެ. މި މުބާރާތުގައި ބިދޭސީ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 30000 ރުފިޔަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.