މަޖިލީހުގެ ރައީސްކަން ލިބުމާއި ގުޅިގެން މާދަމާ ރޭ ފޮނަދޫގައި ހަވާ އަރުވަނީ

ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އުފާފާޅު ކުރުމުގެ ގޮތުން މާދަމާ ރޭ ފޮނަދޫގައި ހަވާ އެރުވުމަށް ތައްޔާރުވަމުން އެބަދެއެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:15ގައި ފޮނަދޫ ބަނދަރު ސަރަޙައްދުގައެވެ.
މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އުފާފާޅު ކުރުމުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޢަބްދުއްރަޙީމް ޢަބްދުﷲ ލާމު އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތް ފަހުން ޢަބްދުއްރަޙީމް ލާމު އަތޮޅަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. އެހެން ކަމުން ޢަބްދުއްރަޙީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔުމަށް ޕީ.އެން.ސީގެ ސަޕޯޓަރުން ދަނީ ތައްޔާރު ވަމުންނެވެ.
ހަވާ އެރުވުމުގެ އިތުރުން ލާމު އަތޮޅު ރައްޔިތުންނަށް ޚާއްޞަ ބޮޑުކޭމެއް ވެސް އަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ލާމު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.